ދިވެހިރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެ ދައުވަތަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފް، މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ. ޖުލައިމަހުގެ 25ވާ އަންގާރަ ދުވަހުން ފެށިގެން ޖުލައިމަހުގެ 27ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރާ ދެބޭފުޅުން ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. އަދި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކުގައި ސޮއިކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. ދިވެހިރާއްޖެއާ ޕާކިސްތާނަކީ ޒަމާނުއްސުރެ ރަހުމަތްތެރިކަމުގެ ގުޅުންތައް ދަމަހައްޓައި، ދީނީ އަދި ސަޤާފީގޮތުން މައިގަނޑު އެއްއުސޫލުތަކެއް ގަބޫލުކުރާ ދެޤައުމެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ 26 ޖުލައި 1966ގައެވެ.