English Edition
Dhivehi Edition

އޭއޯ ނިއުސްއިން އައްޑޫސިޓީގައި ބޭސިކް ފޮޓޯގްރަފީ ކޯހެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. އެއްވެސް ފީއެއް ނެތި މުޅިން ހިލޭ ކިޔަވައިދޭ މި ކޯސް ކުރިއަށް ދާނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 13 ވަނަ ދުވަހުގެ ނިޔަލަށެވެ. 10 ބައިވެރިއަކަށް ފުރުސަތު ދޭ ގޮތަށް ހުޅުވާލާފައިވާ މި ކޯހުގައި ނަން ނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އޭއޯނިއުސްގެ ފޭސް ބުކް ޕޭޖް އަށް ފުރިހަމަ ނަމާއި ގުޅޭނެ ފޯން ނަމްބަރު މެސެޖްކޮށްލުމުން ނަންނޯޓު ކުރެވޭނެއެވެ. ޕޭޖް އެޑްރެހަކީ https://web.facebook.com/www.aonews.mv/ އެވެ. ކޯހާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އޭއޯނިއުސްގެ ހޮޓްލައިން 7782034 އަށް ގުޅުމުން މައުލޫމާތު ލިބޭނެއެވެ. މިއީ އައްޑޫގައި ފޮޓޯ ޖާނަލިޒަމްގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައި ދިނުމާއި ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެކެވެ. ކޯހުގައި ބައިވެރިވާ ފަރާތްތަކުން އަމިއްލަ ކެމެރާ ގެންނަން ޖެހޭނެއެވެ. ކޯހުގެ ސެޝަންތައް ކުރިއަށް ގެންދާނީ އީކުއޭޓަރ ވިލެޖް ގައެވެ. ކޯހުގެ ހުރިހާ ސެޝަނެއް ފުރިހަމަ ކުރާ ފަރާތްތަކަށް ބޭސިކް ފޮޓޯގްރަަފީ ކޯހެއް ނިންމި ކަމުގެ ލިޔުން ދެވޭނެއެވެ. ކޯސް ފުރިހަމަ ކުރާ ފަރާތްތަކުގެ މެދުގައި ފޮޓޯ ގްރަފީ މުބާރާތެއް ބޭއްވުމަށް ފަހު ވަނަ ތަކަށް އަންނަ ފޮޓޯ ހިމެނޭ ގޮތަށް ކަލަންޑަރެއް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ހިމަނާ ފޮޓޯތަކަކީ އައްޑޫގެ ރީތިކަން ދައްކުވައިދޭ ފަދަ ފޮޓޯތަކަކަށް ވާނެ ޖެހޭނެއެވެ.