ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް ހުއްޓުވާ ފަތުރުވެރިކަން ބޮއިކޮޓް ކުރަން ގޮވުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކުރައްވާ، ވަރަށް ދުވަސްވީ ނާތަހުޒީބު ސިފައެއް ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ “އިންޑިއަން އެކްސްޕްރެސް” އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން މުހައްމަދު ސައީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ނަޝީދު ކުރައްވަމުން ގެންދަވާ މިފަދަ ހުރިހާ ކަމެއް ދުނިޔެ ދަންނަނަ ކަމަށެވެ. އިންޑިއާގެ ނޫހަށް ދިން އިންޓަވިއުގައި ނަޝީދު ބުނެފައިވަނީ މިހާރު ރައީސް ޔާމީންގެ ސަރުކާރުން ކަންތައް ކުރާ ގޮތުން އިންޑިއާގެ ސަލާމަތައް ނުރައްކާވެފައިވާ ކަމުގެ އިހްސާސް އިންޑިއާ އަށް ވެސްކުރެއްވެމުންދާ ކަމަށެވެ. އަދި ދިވެހިރާއްޖެއަށް މުހިންމު ވާނީ އިންޑިއާ އަށް މުހިންމުވާ ކަންތައްތައްކަމުގައި ނަޝީދުވަނީ ވިދާޅުވެފައެވެ. މި ސަރުކާރުން މިހާރުވެސް ޗައިނާގެ ކުންފުނިތަކާއި ހަވާލުކޮށްގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ބައެއް މަސައްކަތްތަކާއި، މާލެ އާއި ހުޅުލޭގެ ބްރިޖްގެ އިތުރުން ހުޅުމާލޭގެ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.