English Edition
Dhivehi Edition

މި ދިޔަ އަހަރުގެ ޖުލައިމަހު 44 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން މި ދުނިޔެ ދޫކޮށްފައިވާ ބޮލީވުޑްގެ ފިލްމީ ތަރި އިންދަރް ކުމާރު މަސްތީ ޙާލަތުގައި އަމިއްލަ އަށް މަރުވާން އުޅޭ ކަމަށް ބުނެ މައިންބަފައިން ގާތުން ރޮމުން އެކަމަށް މާފަށް އެދޭ މަންޒަރު ދައްކުވައިދޭ މަންޒަރު ހުރި ވީޑިއޯ އެއް ވަނީ އިންޓަނެޓްގައި ދައުރުވާން ފަށާފައެވެ

މި ވީޑިއޯ ބެލި ގިނަ ފަރާތްތަކުން ބުނާ ގޮތުގައި އެއީ އިންދަރް އަމިއްލައަށް މަރުވާންވެގެން އޭނާ ރެކޯޑް ކޮށްފައިވާ މަންޒަރެއް ކަމަށެވެ. އަދި އޭނާގެ މަރަކީ ހާޓް އެޓޭކެއްގެ ސަބަބުން ވީ މަރެއް ނޫން ކަމަށާއި އަމިއްލައަށް އޭނާ މަރުވީ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ވާހަކަ ފަތުރަން ފަށާފައެވެ. އެ ވީޑިއޯ ގައި އިންދަރް ބުނެފައިވަނީ އޭނާގެ ގޯސް އާދަތަކުގެ ސަބަބުން އޭނަގެ ދިރިއުޅުން ހަރާބުވެފައިވާ ކަމަށެވެ. ގިނަ ކުށްތަކެއް ކުރެވި އެކަމުގެ ސަބަބުން އޭނަގެ ކެރިއަރ އަދި ޒަވާޖީ ހަޔާތަށް ވެސް އޭގެ އަސަރު ކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

މި ފެތުރެމުންދާ ވާހަކައިގެ ހަޤީގަތަކީ ކޮބައިކަން އޭނާގެ އަނބިމީހާ ޕައްލަވީ ވަނީ ދާދި ފަހުން މީޑިއާއާއި ހިއްސާ ކޮށްފައެވެ. ޕައްލަވީ ބުނެފައިވަނީ ދައުރުވަމުންދާ ވީޑިއޯ އޭނާއަށް ވެސް ފެނުނު ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި އިންދަރް މަރުވުމުގެ ކުރިން މީހުން މާނަ ނަގަމުންދާ ފަދަ ގޮތަކަށް ރެކޯޑް ކޮށްފައިވާ ވީޑިއޯ އެއް ނޫން ކަމަށާއި އިންދަރް މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޕައްލަވީ ވަނީ ބުނެފައެވެ. ވީޑިއޯ އާއިބެހޭ ގޮތުން ވާހަކަ ދައްކަމުން ޕައްލަވީ ބުނެފައިވަނީ އެއީ އިންދަރް އެންމެ ފަހުން ކުޅެ އަދި ރިލީޒް ކުރުމުގެ މަގުމަތީގައި އޮތް ފިލްމެއްގެ މަންޒަރެއް ކަމަށެވެ.

އިންދަރް ކުމާރު 1996 ވަނަ އަހަރު ފިލްމް”މާސޫމް” ގައި ލީޑް ރޯލުން ވަނީ ފެނިފައެވެ. އެއަށްފަހު “ކިލާޅިއޯންކާ ކިލާޅީ”، “ކަހިން ޕިޔާރް ނާ ހޯޖާއޭ”، އަދި “ވޯންޓެޑް” ފަދަ ފިލްމްތަކުން އޭނާ ވަނީ ފެނިގެން ގޮސްފައެވެ.