English Edition
Dhivehi Edition

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީން ބުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރާނެ ކެންޑިޑޭޓަކު އިންތިޚާބުކުރުމާ ގުޅޭ ގޮތުން ގައުމީ މަޖިލީހުގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ގައުމީ މަޖިލީހުން ނިންމާފައިވަނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މީހުން ކުރިމަތިލުމަށް މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލައި މެއި މަހުގެ 30 ވަނަ ދުވަހު ޕްރައިމަރީ ބޭއްވުމަށް ކަމަށް އެމްޑީޕީން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގައި ވަނީ އެޕާޓީން އިންތިޚާބުކުރާ ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ދެން އަމަލުކުރާނެ ގޮތެއް ނިންމާނީ ގައުމީ މަޖިލީހުން ކަމަށެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަށް މިގަރާރު ހުށަހެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ގަރާރު ފާސްކުރީ ޖަލްސާގައި ތިއްބެވި 85 މެމްބަރުންގެ ތެރެއިން 72 މެމްބަރުންގެ ވޯޓުންނެވެ.

މިމަހުގެ 30 ވަނަ ދުވަހު އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވާއިރު މިޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ދާދި ފަހުން އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި އިރާދަކުރެއްވިއްޔާ އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އަދި އެ ޕްރައިމަރީގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހުންނަވާނީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް ކަމަށެވެ.

ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވި ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދަނީ އެމަނިކުފާނަކަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށާއި އެ ފުރުސަތުވެސް ނެތް ކަމަށެވެ. އެހެންނަމަވެސް ޔޫއެން ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ފުރުސަތު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނަޝީދަށް ވަނީ ގާނޫނީ ގޮތުން ބަންދުވެފައެވެ.