English Edition
Dhivehi Edition

އެސްޓީއޯ މާލޭ ލީގުގައި ރޭ ޔުނައިޓެޑް ވިކްޓަރީ(ޔޫވީ) އާއި އީގަލްސް ބައްދަލު ކުރި މެޗުގައިބްރެޒިލްގެ ފޯވާޑް ލުއިޒް އެޑުއާޑޯ ޕުރްޗީނޯ ހެދި ހެޓްރިކާ އެކު އީގަލްސް ތާވަލްގެ އެއްވަނައަށް ޖެހި ލައިފިއެވެ.

ރޭގެ މެޗުން މޮޅުވެ އީގަލްސް އެއް ވަނަ އަށް އެރީ ހަ މެޗުން 11 ޕޮއިންޓް ހަމަކޮށްގެންނެވެ. އަދި ވަނާގައި އޮތް ނިއު ރޭޑިއަންޓް އީގަލްސްއަށް ވުރެ ދެ މެޗު މަދުން ކުޅެފައިވާއިރު ނިއުއިން ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދާފައެވެ.ނިއު 10 ޕޮއިންޓާއި އެކު ތިން ވަނައިގައި އޮތް މާޒިޔާ އާއި ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ވަނީ ހަ މެޗުން 10 ޕޮއިންޓް ލިބިފަ އެވެ.

ލީގުގައި ރޭ ކުޅުނު މެޗު ޔޫވީގެ މައްޗަށް އީގަލްސްއިން ކުރި ހޯދީ 4-2 ލަނޑުގެ ނަތީޖާއަކުންނެވެ.

އީގަލްސްއިން މިމެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު އީގަލަސްއަށް މެޗުގެ ލީޑު ހޯދާފައިވަނީ މެޗުގެ 31 ވަނަ މިނެޓުގަ ނާއިމްއެވެ.

ނާއިމްގެ ލަނޑައަށް ފަހު އީގަލްއިން މޮޅު ކުޅުމެއް ދެއްކިނަމވެސް ފުރަތަމަ ހާފްގެ ފަހު ފަސް މިނެޓުތެރޭ ޔޫވީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު މެޗުގެ 40 ވަނަ މެނެޓްގައި ޔޫވީއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ފައިރޫޒެވެ.

މރޭގެ މެޗުގައި ފައިރޫޒް ކާމިޔާބު ކުރި ލަނޑުން ފުރަތަމަ ހާފު 1-1 ލަނޑުގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން ނިމުނު ނަމަވެސް ޔޫވީން ވަނީ މެޗުގެ 52 ވަނަ މިނެޓުގައި ލަނޑެއްޖަހައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިފައެވެ. ޔޫވީގެ ޑިފެންޑަރު އާތުރް މުލާޒަނޯވް ނަގައިދިން ހިލޭ ޖެހުމަކުން އެޓީމަށް ލީޑު ހޯދައިދިނީ ސެމިއުލްއެވެ.

ޔޫވީ އިން މެޗުގެ ނަތީޖާ ފުރަތަމަ ފަހަރަށް އަނބުރާލުމާއި އެކު އީގަލްސްއިން މެޗުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައި ވާއިރު އީގަލްއިން ވަނީ ޔޫވީ ލަނޑު ޖެހިތާ މިނެޓެއްގެ ތެރޭގައި ބިދޭސީ ފޯވަޑް އެޑުއާޑޯގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އީގަލްސް މެޗުން މެޗު މޮޅުވި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން އީގަލްސްއަށް އެޑުއާޑޯ ލީޑު ހޯދައިދިން އިރު، މެޗުގެ 88 ވަނަ މިނެޓުގައި އޭނާ ހެޓްރިކް ފުރިހަމަކުރީ ޔޫވީގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

މާލޭ ލީގުގައި މިއަދުވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މިއަދު ހަވީރު 16:00ގައި އެންމެ ފަހުގެ ޗެމްޕިއަން ނިއުއާއި ކްލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރާ އިރު، މިރޭ 21:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާއެވެ.