ލިޔުނީ: މުހައްމަދު ހިޒްޔަމް ޝަމްސުއްދީން ސްކޫލްގެ 2017 ވަނަ އަހަރުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ޕާރޕްލް ހައުސް ހޯދައިފި އެވެ. އިއްޔެ ހަވީރު މީދޫ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުން ޕާރޕްލް ހައުސް މޮޅުވީ އޮރެންޖެ ހައުސް އާއި ބައްދަލުކޮށް 4 ލަނޑު 2 ލަނޑުންނެވެ. ޝަމްސުއްދީން ސްކޫލްގެ 4 ހައުސްގެ މެދުގައި ކުރިއަށް ދިޔަ މި މުބާރާތުގައި، ގްރީން ހައުސް (މަޖުދުއްދީން ހައުސް)، ރެޑް ހައުސް (ފަގީހު މޫސާ ހައުސް) އަދި އޮރެންޖް ހައުސް (ބަހާއުއްދީން ހައުސް) ބަލިކޮށްލުމަށް ފަހު ޕާރޕްލް ހައުސް (ހާފިޒް އިބްރާހިމް ހައުސް) އިން ޗެމްޕިއަންކަން ހޯދީ ކުޅުނު އެއް މެޗު ފިޔަވައި ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ފައިނަލް މެޗުގައި ޕާރޕްލް ހައުސް އަށް ލަނޑުތައް ޖަހައިދިނީ އެ ހައުސްގެ ހާމް ހަސީބް އާއި މާއިޝް އަޝްރަފް އެވެ. އޮރެންޖް ހައުސްގެ 2 ގޯލް ވެސް ޖަހައިދީފައި ވަނީ އެ ހައުސްގެ ރައްޔާން މައުސޫމް އެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވާފައިވަނީ ޕާރޕްލް ހައުސްގެ ހާމް ހަސީބް އެވެ. 11 އަހަރުން ދަށުގެ ގްރީން ހައުސްގެ ޓީމް ޗެމްޕިއަންކަން ހޯދާފައިވަނީ އޮރެންޖް ހައުސް އާއި ވާދަކޮށް 7 ލަނޑު 1 ލަނޑު ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ގްރީން ހައުސްގެ ނިޝާރު ނަސީރު އަށް ލިބިފައިވާ އިރު، އޭނާ ވަނީ އުމުރުފުރާތަކުން ހޮވި އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭގައިވެސް ހިމެނިފައެވެ. 11 އަހަރުން ދަށުގެ ރަނަ އަޕް ޓީމަކަށް ހޮވިފައިވަނީ އޮރެންޖް ހައުސް އެވެ. މުބާރާތް ނިމުމުން ޗެމްޕިއަން ޓީމަށް ތައްޓާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާން މީދޫ އަވަށު އޮފީހުގެ ޑިރެކްޓަރ، އަބްދުﷲ ރަޝީދު އެވެ. އެގޮތުން މުބާރާތުގެ އުމުރުފުރާތަކުގެ އެންމެ މޮޅު 5 ކުޅުންތެރިން ހޮވާފައިވާ އިރު، ހުރިހާ މެޗްތަކެއްގައި ހޮވި މޭން އޮފް ދަ މެޗްތަކަށް ވެސް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުންވަނީ ހަނދާނީ ލިޔުން ދީފައެވެ. މުބާރާތުގެ ރަނަ އަޕް ޓީމަށްވެސް ވަނީ ހަނދާނީ ލިޔުމާއި ތަށި ދީފައެވެ. މުބާރާތުގައި އޮފިޝަލްކަން ކޮށްދިން ދަރިވަރުންނަށް އެ ކަމުގެ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޝަމްސުއްދީން ސްކޫލް ޕީ.ޓީ.އޭ ގެ ނާއިބު ރައިސާ އަލްފާޟިލާ ނައުމާ އެވެ. މުބާރާތް ނިންމާލުމަށް ފަހު ވާހަކަފުޅު ދައްކަވުން ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ ޝަރުފިއްޔާ އަހްމަދު ދީދީ ވިދާޅުވީ މުބާރާތުގައި ބައިވެރިވި %90 ކުދިން ރަނގަޅަށް ކުޅެފައިވާ ކަމަށާއި ހުރިހާ ކުދިންވެސް ކުޅިވަރުގެ ރޫހާއި އެއްގޮތަށް ކުޅުނުކަން ފާހަގަ ކުރާކަމަށެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝަރުފިއްޔާ ވަނީ ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިން މި މުބާރާތް ކުރިއަށް ގެންދިއުމަށް ވެދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ. 15-14 ޖުލައިގެ ނިޔަލަށް ކުރިއަށް ގެންދިޔަ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ގްރީން ހައުސް އެވެ. މި އަހަރު ގްރީން ހައުސް މުބާރާތުން ކަޓާފައިވަނީ 2 މެޗުން ބަލިވެގެންނެވެ.