English Edition
Dhivehi Edition

ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އައްޑޫ ސިޓީ ކައުންސިލުން ނޫސް ބަޔާނެއް ނެރެފައިނުވާނެ ކަމަށާއި ނެރެފައިވާނީ ޤަރާރެއް ކަމަށް ކައުންސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ލާމަރުކަޒީ ގާނޫނާ ޚިލާފަށް ފެބުރުއަރީ 5 ގައި ނޫސް ބަޔާނެއް ނެރެފައިވާ ކަމަށް ވިދާޅުވެ އެކައުންސިލްގެ 4 މެންބަރަކު އެއްމަސްދުވަހަށް ސަސްޕެންޑް ކުރުމުން އެކަމަށް ރައްދު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އައްޑޫސިޓީ ކައުންސިލުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުކުރީ ވިދާޅުވީ އެޤަރާރުގައި 4 ކައުންސިލަރަކު ސޮއި ކުރެއްވިޔަސް އެއީ މުޅި ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ 7 މެންބަރުންގެ ތާއީދާއެކު ނެރުއްވި ޤަރާރެއް ކަމަށެވެ.

ސްޕްރީމް ކޯޓުން ފެބުރުއަރީމަހު އެކެއްގައި ނެރެފައިވާ އަމުރު ބާޠިލް ކުރިކަމަށް ރާއްޖޭގެ އެއްވެސް ކޯޓަކުން އަދިވެސް އަންގާފައި ނުވާކަމަށާއި އެ ޤަރާރު ނެރެފައިވާނީ ސްޕްރީމް ކޯޓުގެ ދެވަނަ ހުކުމް އައުމުގެ ކުރިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭރު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންވެސް ގެންދެވީ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފެބުރުއަރީ 5 ގައި ސިޓީކައުންސިލުން ނެރުއްވި ޤަރާރުގައި ވިދާޅުވެފައިވަނީ ފެބުރުއަރީ އެކެއްގެ ހުކުމް ތަންފީޒުކުރުން ލަސްވަމުންދާތީ އެކަން އަވަސް ކުރެއްވުމަށެވެ.

އެޤަރާރުގައި ސޮއި ކުރައްވައިފައިވަނީ މޭޔަރު އަބްދުﷲ ސާދިގާއި، ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި، ދެ ކައުންސިލަރުން ކަމަށްވާ އަލީ ފަހުމީ އާއި، ޖަމްޝީދާ މުހައްމަދެވެ. އެ ޤަރާރުގައި އަނެއް ތިން ބޭފުޅުންނަށް ސޮއި ނުކުރެވުނީ ރަށުންބޭރުގައި އުޅުއްވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލަރުން ސަސްޕެންޑު ކުރެއްވިކަން ކައުންސިލަށް އެންގެވުމަށް އެލްޖީއޭ އިން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެބޭފުޅުންސަސްޕެންޑު ކުރެއްވީ ލިބިވަޑައިގެންފައިނުވާ ބާރެއްގެ ދަށުން ސިޓީ ކައުންސިލުގެ ނަމުގައި އެ ބަޔާން ނެރުއްވުމުން ކަމަށެވެ. އެހެންނަމަވެސް ކައުންސިލުން ވިދާޅުވީ އެތަނުން ނެރެފައިވާނީ ޤަރާރެއް ކަމަށެވެ. މިކަން އެލްޖީއޭ އަށް އެންގެވުމަށް އައްޑޫސިޓީ ކައުންސިލުން މިހާރުވަނީ ސިޓީއެއްވެސް ފޮނުއްވާފައެވެ.

އެލްޖީއޭ އިން ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ކައުންސިލް ހިންގެވުމަށް މިހާރު ތިއްބެވި ތިން ކައުންސިލަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު އެއްބޭފުޅަކު އިސްކުރެއްވުމަށެވެ. އެއަށް ރައްދު ދެއްވައި ޝުކުރީއާއި، ފައިސަލާއި، ހިޔާޟް ވިދާޅުވެފައިވަނީ އެކަން އެގޮތަށް ކުރެއްވުމުގެ ގާނޫނީ ހަމައެއް މިހާރުއޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެއީ 4 މެންބަރުން އެއް މަހަށް ބަންދު ކުރުމުން ކައުންސިލްގެ މެޖޯރިޓީ ގެއްލިފައިވާތީ ކަމަށެވެ. އެފަދަ މަޝްވަރާއަކަށް ބާއްވާ ބައްދުލުވުންވެސް ވާނީ ޤާނޫނާ ޚިލާފު ބައްދަލުވުމަކަށް ކަމަށްވެސް އެބޭފުޅުން ދެކެވަޑައި ގަންނަވައެވެ.

އޭގެ އިތުރަށް 4 މެންބަރުން ބަންދުކުރުމުން ޤާނޫނީގޮތުން ކުރަންޖެހޭ ވަރަށްގިނަ ކަންކަން ނުކުރެވި ފުނިޖެހިފައިވާ ކަމަށެވެ. “އެހެންވީމާ އަޅުގަނޑުމެން ގަބޫލު ކުރަނީ އެލްޖީއޭއިން މިއޮތީ މުޅި ކައުންސިލް ސަސްޕެންޑްކޮށްފައި ކަމަށް. އޭގެސަބަބުން އައްޑޫސިޓީވެސް މިވަނީ ހުއްޓުމަކަށް އައިސްފައި،” އެބޭފުޅުން ވިދާޅުވިއެވެ.

އެލްޖީއޭގެ އެންގެވުމާ އެއްގޮތަށް ޢަމަލުކޮށްގެން ބަޔަކު އެބޭފުޅުން ގޮވައިގެން ކޯޓަށް ގޮސްފި ކަމަށްވާނަމަ އެކަމުގެ ޒިންމާ އެލްޖީއޭ އިން ނަންގަވާނަންތޯ އެބޭފުޅުންވަނީ ސުވާލު ކުރައްވާފައެވެ. އެ ތިންބޭފުޅުން ތިއްބަވައިގެން ފައިސާއާބެހޭ މުޢާމަލާތެއް ނިންމަވައިފި ކަމަށްވާނަމަ އެބޭފުޅުން ގޮވައިގެން އޭސީސީއިން ދަޢުވާ ނުކުރައްވާނެތޯ އެއީވެސް އެބޭފުޅުން ކުރެއްވި ސުވާލެކެވެ.