English Edition
Dhivehi Edition
1438 ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާނެ އިމާމުން ހޯދުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ. މި މަޤާމަށް ދެމީހުން ހޯދުމަށް ގެޒެޓުކޮށްފައިވާއިރު ޝަރުތުތަކުގެ ތެރޭގައި ޝަރީޢާ އިސްލާމިއްޔާ، ފިޤްހު ނުވަތަ ދީނީ އިލްމުގެ ދާއިރާތަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށް، ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވާ މީހަކަށް ވުން ހިމެނެއެވެ. މީގެ އިތުރުން ކައްކާ ކާންދިނުމުގެ މަސައްކަތް ކުރާނެ 2 މީހުންނާއި، އަދި ހައްޖުވެރިންނަށް ހަމަޖައްސާފައިވާ އިންތިޒާމުތައް ބެލެހެއްޓުމަށް 2 ޕޯޓް ސަރވިސް އޮފިސަރުން ހޯދުމަށްވެސް އިއުލާންކޮށްފައިވެއެވެ. މި ފުރުޞަތަކީ ޙައްޖާޖީންނަށް ދީނީ ކަންކަން އޮޅުންފިލުވައިދިނުމާއި ކަމާއި ގުޅޭ މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމާއި، ދިނީ ދަރުސް ދިނުމާއި، ދިމާވާ އެކިއެކު ކަންކަމުގައި އެހީތެރިވެދިނުމަށް ހުޅުވާލާ މަޤާމެއް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އަންގާރަ ދުވަހެވެ. މި ފޯމު ހައްޖު ކޯޕަރޭޝަނުންނާއި އެ ކޯޕަރޭޝަމްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.