ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ނާއިބު ލީޑަރު ކަމުގެ މަގާމުންނާއި، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މުގައްރިރު ކަމުގެ މަގާމުން ދަނގެތީ ދާއިރާގެ ޕީޕީއެމް މެންބަރު އިލްހާމް އަހުމަދު އިސްތިއުފާ ދެއްވައިފިއެވެ. މި ދެމަގާމުން އިސްތިއުފާ ދެއްވައިފައިވާކަން އޭނާ މިހާރުވަނީ ޕީޖީ ގްރޫޕުގެ ލީޑަރ އަހުމަދު ނިހާނަށް އަންގަވައިފައެވެ. އޭނާ މިގާމްތަކުން އިސްތިއުފާ ދެއްވިޔަސް އަދި ޕީޕީއެމްގެ މެންބަރު ކަމުން ވައްކެއްނުވެއެވެ. “އިލްހާމް ކަމެއް ނުނިންމާނެ ވަރަށް ރަނގަޅަށް ދެކޮޅު ބެލުމަށްފަހުނޫނީ. ދެފަރާތުގެ ވާނުވާވެސް އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އޭނާ ނިންމަވާނީ ރަނގަޅަށް،” އިލްހާމާ ވަރަށްގާތް މީހަކު ބުންޏެވެ. އޭނާ ބުނީ އިލްހާމް މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރެއްނެތް ކަމުގެ ގާރާރުގައި ސޮއިކުރެއްވި 45 މެންބަރުންގެ ތެރޭގައި އިލްހާމް އަހުމަދު ހިމެނި ވަޑައިގަންނަވައެވެ. މީގެ ކުރިންވެސް އިދިކޮޅު ފަރާތްތަކުންވަނީ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިފައެވެ. އެފަހަރު އިލްހާމް ވިދާޅުވީ އެފަދަ ކަމެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެންބަރުން މަސައްކަތް ކުރެއްވުމަކީ ހޫނުފެނަށް ފޭބުންފަދަ ކަމެއް ކަމަށެވެ.