English Edition
Dhivehi Edition

“ދިރާގު އައްޑޫ ސިޓީ އިންޓަރ ސްކޫލް ނެޓްބޯޅަ ޓޯނަމެންޓް 2017” ގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހުޅުދޫ ސްކޫލް ހޯދައިފިއެވެ. ހުޅުދޫ ސްކޫލް ޗެމްޕިއަންކަން ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗްގައި ހިތަދޫ ސްކޫލާއި ވާދަކޮށް 16 – 12 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ހުޅުދޫ ސްކޫލުގެ 10 ކުޅުންތެރިން ހިމެނުނު މި ޓީމް ވަނީ މި މުބާރާތުގައި ފާހަގަ ކުރޭވޭފަދަ މޮޅު ކުޅުމެއް ދައްކާފައެވެ. ވަކިވަކި ކުޅުންތެރިންނަށް ބެލިކަމުގައިވިޔަސް ހުނަރުވެރި ކުޅުންތެރިން މިޓީމުން ފެނިގެން ގޮސްފައިވެއެވެ. އެގޮތުން 13 އަހަރުން ދަށުގެ އުމުރުފުރާއިން ހޮވި އެންމެ މޮޅު 7ކުޅުންތެރިންގެތެރޭ އެ ސްކޫލްގެ 3 ކުޅުންތެރިން ހިމެނިފައިވެއެވެ. އެއީ އައިޝަތު އަމީޝާ ސަލާމް، އައިޝަތު ސަވާ އިބްރާހިމް އަދި ފާތިމަތު އާލާ ޖަމްޝީދު ޢަލީ އެވެ. މީގެ އިތުރުން 13 އަހަރުންދަށުގެ ފައިނަލް މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައި ވަނީވެސް އެ ސްކޫލްގެ ދަރިވަރެކެވެ. އެއީ މިމުބާރާތުގައި ހުނަރުވެރި މޮޅުކުޅުމެއް ދެއްކި، އެ ޓީމްގެ ގޯލް ޑިފެންސްގެ މަގާމަށް ކުޅުނު އައިޝަތު އަމީޝާ ސަލާމް އެވެ. އަމީޝާވަނީ ގްރޫޕް ސްޓޭޖްގައި ފޭދޫ ސްކޫލާ ދެކޮޅަށް ކުޅުނު މެޗުން ވެސް ކުއީން އޮފް ދަ މެޗް ހޯދާފައެވެ. މި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި މި ޓީމްގެ ގޯލް ޝޫޓަރ، ސަވާ ވެސް ވަނީ ދެ މެޗަކުން ކުއީން އޮފްދަ މެޗް ހޯދާފައެވެ. އެއީ ގްރޫޕް ސްޓޭޖް ގައި ޝަރަފުއްދީން ސްކޫލާއި ދެކޮޅަށް ކުޅުނު މެޗާއި، ސެމީ ފައިނަލުގައި މަރަދޫ ފޭދޫ ސްކޫލާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. ޖޫން މަހުގެ 26 – 30 އަށް ހިތަދޫ ސްކޫލުގައި ބޭއްވި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ 5އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. ހުޅުދޫ ސްކޫލުން ހޯދި 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ފިޔަވައި އެހެން ހުރިހާ އުމުރު ފުރާއެއްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހިތަދޫ ސްކޫލުންނެވެ. އެއީ 9، 11، 15 އަދި 17 އަހަރުން ދަށުގެ ޓީމްތަކެވެ. އެހެންކަމުން މިމުބާރާތުގައި ހިތަދޫ ސްކޫލަށް ކާމިޔާބު ނުކުރެވުނު ހަމައެކަނި ތަށި އުފުލާލީ ހުޅުދޫ ސްކޫލުގެ 13 އަހަރުން ދަށުގެ ޓީމެވެ. މިމުބާރާތުގައި ހުޅުދޫ ސްކޫލްގެ ކުޅުން ތެރިން ދެއްކި ހުނަރުވެރި މޮޅު ކުޅުމާމެދު ވަރަށްގިނަ ބަޔަކު ވަނީ ތަޢުރީފްކޮށްފައި ވެއެވެ. ވަރަށް ގިނަ ސްކޫލްތަކުގެ މުދައްރިސުންނާއި ދަރިވަރުން އަދި ބެލެނިވެރިންވެސް ހުޅުދޫ ސްކޫލް ޓީމްގެ ކުޅުންތެރިންނާއި ބައްދަލުކޮށް މަރުޙަބާކިޔާފައިވެއެވެ. މުބާރާތް އިންތިޒާމްކުރި ހިތަދޫ ސްކޫލްގެ އޮފިޝަލުންވެސް މިޓީމްގެ ކުޅުންތެރިންގެ ހުނަރުވެރިކަން ފާހަގަ ކޮށްފައިވެއެވެ. އަދި މިއަންނަ އަހަރުގެ ގައުމީ މުބާރާތުގައި މިޓީމް ބައިވެރިކުރުމަށްވެސް އެއިން އޮފިޝަލަކު ލަފާ ދީފައިވެއެވެ. އެހެންކަމުން މިއީ ހުޅުދޫ ސްކޫލުން ދަރިވަރުންގެ ކުރިއެރުމާއި ހުނަރުވެރިކަން ތަރައްގީކުރުމަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއްކަމުގައި ސްކޫލުން ދެކެއެވެ. މިއީ މިފަދަ މުބާރާތެއް އައްޑޫ ސިޓީގައި ބޭއްވުނު ދެވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް ސްޕޮންސާކޮށްފައި ވަނީ ދިރާގުންނެވެ. ކޯ ސްޕޮންސަރުންނަކީ ފަލަކް ސްޕޯޓްސް އާއި ބޭންކް އޮފް މޯލްޑިވްސް އެވެ.