މިނިވަންކަޕް 2017 ގެ ސަލާމަތީ ކަންތައްތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ ކަމަށް އެ މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ . 15 ޖުލައިގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަށްޓަކައި މިހާރުވެސް ގިނަ ތައްޔާރީތައް ވަމުންދާކަމަށާއި ސަލަމާތީ ކަންކަމަށް ބޮޑު އިސްކަމެއް ދީފައިވާނެކަމަށް އެ ފަރާތުންވަނީ ބުނެފައެވެ . މީގެ އިތުރުން މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފައިވަނީ ކުރީ އަހަރުތަކުގެ ތަޖުރިބާތަކަށް ބަލައި މިއަހަރުގެ މުބާރާތަކީ ފާއިތުވެ ދިޔަ އަހަރުތަކުގެ މުބާރާތްތަކަށްވުރެ ފެންވަރު ރަގަޅު މުބާރާތަކަށް ވާނެކަމަށެވެ. މި އަހަރު މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ ހުޅުދޫ ޔޫތް، އޭޓީ ސްޕޯޓްސް، މަންތަރަ، ޓީމް ކެނެރީފް، ރިސޯޓް ބޯއިސް،ސައުތް ބްލޫސް، ހިތަދޫ މަލްޓި ޖީނިއަސް ސިޓީ، ފްރެންޑްސް ކްލަބް، މަރަދޫ އެފްސީ އަދި ފެނަކަ ކޯޕަރޭޝަން އެވެ. ފެނަކަ ކޯޕަރޭޝަން އަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވަނީ ފޭދޫ ޕަޓާސް މުބާރާތުން ވަކިވުމާއި ގުޅިގެންނެވެ. މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 30000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށްވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ. މިއަހަރުގެ މުބާރާތުގެވެސް ކޯ ސްޕޮންސަރއަކީ ފާއިތްވެ ދިޔަ އަހަރުވެސް މުބާރާތުގެ ކޯ ސްޕޮންސަރ، އައިލެންޑް އެކްސްޕްރެސް އެވެ. އައިލެންޑް އެކްސްޕްރެސް އިންވަނީ ފާއިތުވެ ދިޔަ އަހަރުތަކުގައިވެސް މުބާރާތަށް ގިނަގުނަ އެހީތައް ފޯރުކޮށްދީފައެވެ. މިނިވަން ކަޕަކީ އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތެވެ.