English Edition
Dhivehi Edition

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން މި ސީޒަން ހުޅުވުމުގެ ގޮތުން ކުޅެން ހަމަޖެހިފައިވާ ޗެރިޓީ ޝީލްޑް މެޗު ނުކުޅޭ ގޮތަށް އެފްއޭއެމުން ނިންމައިފިއެވެ

މިދިޔަ އަންގާރަ ދުވަހުގެރޭ ނިއުރެޑިއެންޓް ސްޕޯޓްސް ކުލަބް އާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅެން އޮތް މެޗު އެފްއޭއެމް އިން މުއްދަތެއް ނެތް ގޮތަށް ފަސްކުރީ، އޭގެ ކުރީ ރޭ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެންނެވެ. އޭގެފަހުން އެފްއޭއެމުން ބުނެފައިވަނީ މެޗު ކުޅޭނެ ދުވަހެއް މިދިޔަ އާދީއްތަ ދުވަހު ނިންމާނެ ކަމަށެވެ.އެހެން ނަމަވެސް އެފްއޭއެމްއިން މިއަދު ނެރުނު މީޑިޔާ ސްޓޭމެންޓެއްގައި ބުނެފައިވަނީ ޗެރިޓީ ޝީލްޑް މެޗު ނުކުޅޭ ގޮތަށް މިހާރު ނިންމައި، ނިއު އާއި ޓީސީއަށްވެސް އަންގާފައި ވާނެ ކަމަށެވެ

އެފްއޭއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ “މައިލޯ ޗެރިޓީ ޝީލްޑް މެޗު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރެވިފައިވާއިރު އަލުން މި މެޗު ކުޅޭ ނަމަ އެފްއޭއެމްގެ ފުޓްބޯޅަ ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ” ކަމަށެވެ

“އަދި އޭއެފްސީ ކަޕުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބުން ކުޅެމުންދާ ދަނޑިވަޅެއްގައި އެ މުބާރާތަށް ތައްޔާރުވުމަށް ދެ ކްލަބަށް އިތުރު ތަކުލީފަކަށް ވެދާނެ ކަމަށް ފެންނާތީއާ އެކު، 2018 ވަނަ އަހަރަކީ ގައުމީ ޓީމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަހަރެއް ކަމުން ކަލަންޑަރަށް ބަދަލު ގެނެވިއްޖެ ނަމަ ގައުމީ ޓީމްތަކަށާއި ކްލަބްތަކަށް ގެއްލުން ވެދާނީތީވެ، 2018 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗު ނުބޭއްވުމަށް މި އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ.” އެފްއޭއެމްގެ ބަޔާނުގައިވެ އެވެ

ސީޒަން ހުޅުވާ މެޗަށް ފައިސާގެ އިނާމެއްގެ ގޮތުގައި އެއް ލައްކަ ރުފިޔާ ކަނޑައަޅާފައިވާއިރު ޗެރިޓީ ޝީލްޑްގެ މިދިޔަ ދެ އަހަރު ކާމިޔާބު ކުރީ މާޒިއާއިން ނެއެވެ