ޓެކްސީ ނަފާ ލޯނު ސްކީމުގެ ދަށުން ނަގާފައިވާ ލޯނުތަކާއި ގުޅޭގޮތުން ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް ބަލައި, އިންސާފުވެރި ހައްލެއް ހޯދައިދޭނެ ކަމަށް އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މި ސްކީމުގެ ދަށުން ލޯނު ނެގި ފަރާތްތަކުން ފާހަގަކުރާ ގޮތުގައި, ކާރުތައް ރަޖިސްޓްރީ ނުކުރެވި ގިނަ ދުވަސް ވަމުންދާތީ ޓެކްސީގެ ހިދުމަތް ދިނުމަށް ދަތިތަކެއް އެބަހުއްޓެވެ. އާމްދަނީއެއް ނުލިބި ލޯނު ދައްކަން ޖެހުމަކީ އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ބޮޑު ތަކުލީފެކެވެ.
ވަޒީރު ވިދާޅުވީ, މި ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން ބަލައި, ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކާއި ހައްލުތައް ހޯދުމަކީ އޭނާގެ އެންމެ އިސް އެއް ވާޖިބު ކަމަށެވެ. އަދި މި މައްސަލަތައް ބަލައިދިނުމަށް ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓުމާ މަސްއޫލުވެ ތިއްބެވި ފަރާތްތަކަށް މިހާރު އަންގާފައިވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ލޯނު ނެގި ފަރާތްތަކުން ހުށަހެޅި ކަންކަން:
ކާރު ރަޖިސްޓްރީ ވަންދެން ލޯނު ދެއްކުން ފަސްކޮށްދިނުން (މޮރެޓޯރިއަމް).
ރަޖިސްޓްރޭޝަންގެ ކަންކަން އަވަސްކުރުން.
މި ލަސްވުމަކީ ލޯނު ނެގި ފަރާތްތަކުގެ އިހުމާލެއް ނޫންކަން ކަށަވަރުކޮށްދިނުން.
ހުރިހާ ފަރާތްތަކަށް ހަމަހަމަ އިންސާފުވެރި ހައްލެއް ހޯދައިދިނުން.
ވަޒީރު ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ހިދުމަތްދީ، ރައްޔިތުން އެދޭ މިފަދަ ކަންކަމުގައި އަވަސް ހައްލެއް ހޯދައި ދިނުމަށް މަސައްކަތްކުރުން ކަމަށެވެ. އަދި ރައްޔިތުންގެ އަޑު އަބަދުވެސް އަހައިގެން، ރައްޔިތުން ހުށަހަޅާ ކަންކަން ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ފަހިކޮށްދިނުމަކީ ރައީސްގެ މުހިންމު ސިޔާސަތެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.