English Edition
Dhivehi Edition

މިހިނގާ ރަމަޟާންމަހު އައްޑޫސިޓީން ބަލައިގެންފައިވާ ޒަކާތުގެ ފައިސާ ބެހުމުގެ މަސައްކަތް މިއަދު ފަށައިފި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ މިއަދުން ފެށިގެން އައްޑޫސިޓީގެ ހުރިހާ އަވަށަކުންވެސް ޒަކާތުގެ ފައިސާ ބަހާނެ ކަމަށެވެ. މިއަދު ޒަކާތް ބެހުން އޮތީ ހެނދުނު 11:00 އިން 15:00 އަށެވެ. ދެން ޒަކާތް ބެހުން ކުރިއަށް ގެންދާނީ މިރޭ 20:30 އިން 22:30 އަށެވެ. މިރެއަށްފަހު ޒަކާތް ބެހުން އޮންނާނީ މިމަހުގެ 24 ވަނަ ދުވަހު ހެނދުނު 11:00 އިން ހަވީރު 15:00 އަށެވެ. އަދި ރޭގަނޑު 20:30 އިން 22:30 އަށެވެ. ހިތަދޫގައި ޒަކާތް ބަހާނީ މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒުގެ އައްޑޫ ޔުނިޓުންނެވެ. މަރަދޫ އާއި މަރަދޫފޭދޫގައި ބަހާނީ މަރަދޫގައި ހުންނަ ތަދުރީސުލް ޤުރުއާނުންނެވެ. ފޭދޫގައި ބަހާނީ ލޭންޑް، ބިލްޑިން އެންޑް މުނިސްޕަލް ސާވިސް ޑިޕާޓުމެންޓުންނެވެ. ހުޅުދޫގައި ބަހާނީ ވެސް ލޭންޑް، ބިލްޑިން އެންޑް މިނިސްޕަލް ސާވިސް ޑިޕާޓުމެންޓުންނެވެ. މީދޫގައި ބެހުމަށް ހަމަޖެހިފައިވަނީ ފެނަކަ ކޯޕަރޭޝަން މީދޫ ގޮފިންނެވެ. “ވީމާ ފަގީރުންނާއި މިސްކީނުންގެ ލިސްޓުގައި ނަންހިމެނިފައިވާ ފަރާތްތަކުން ފައިސާއާ ހަވާލުވުމަށް އެފަރާތުން ނަންލިސްޓުގައި ހިމެނިފައިވާ އަވަށަކަށް ވަޑައިގެން ދެއްވުން އެދެމެވެ. ފައިސާއާ ހަވާލުވުމަށް ވަޑައިގަންނަވާއިރު ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ އައިޑީކާޑު ހިފައިގެން ވަޑައިގެން ދެއްވުން އެދެމެވެ.” އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.