އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ފުލަމް ބަލިކޮށް، މެންޗެސްޓާ ސިޓީން ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި އެވެ.
މި މެޗުން ސިޓީން ފުލަމް ބަލިކުރީ 0-3 ގެ ނަތީޖާއިންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 24 ވަނަ މިނެޓްގައި ސިޓީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ސެމެންޔޯ އެވެ. އަދި މެޗުގެ 30 ވަނަ މިނެޓްގައި ނިކޯ އޮރެއިލީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ތިންވަނަ ގޯލު އޭގެ ނުވަ މިނެޓް ފަހުން ކާމިޔާބުކޮށްދިނީ އާލިން ހާލަންޑް އެވެ.
ދެވަނަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް، ސިޓީން ވަނީ ގޯލުޖަހާނެ އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
ރޭގެ މި މޮޅާއެކު ސިޓީ ދެވަނައިގައި އޮތީ 26 މެޗުން 53 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި 25 މެޗުން 56 ޕޮއިންޓު ހޯދައިގެން އާސެނަލް އޮތްއިރު، އެޓީމުން މިރޭ ލީގުގައި ނިކުންނާނީ ބްރެންޓްފޯޑާއި ދެކޮޅަށެވެ. ލީގުގެ ތިންވަނައިގައި 26 މެޗުން ލިބުނު 50 ޕޮއިންޓާއެކު އެސްޓަންވިލާ އޮތްއިރު، ހަތަރުވަނައިގައި 26 މެޗުން 45 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.
ޕްރިމިއާ ލީގުގައި ރޭ އެސްޓަންވިލާ އިން ވަނީ 1-0 އިން ބްރައިޓަން ބަލިކޮށްފަ އެވެ. އަދި ލިވަޕޫލުން ވަނީ 1-0 އިން ސަންޑަލޭންޑް ބަލިކޮށް މުހިއްމު މޮޅެއް ހޯދާފަ އެވެ. އަދި ފަހަތުން އަރައި ބާންލީން ވަނީ 3-2 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްފަ އެވެ.