English Edition
Dhivehi Edition

ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ގިނަ ދާއިރާތަކަކުން ގުޅިގެން މަސައްކަތް ކުރުމަށް އާ މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަތީ ފަންތީގެ ބައްދަލުވުން ނުވަތަ “މޯލްޑިވްސް – އީޔޫ ޕާޓްނަޝިޕް ޑައިލޮގް” ބާއްވާފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ޔޫރަޕްގެ ބާޒާރުން ނަގާ ޓެރިފް ކުޑަކުރުމަށާއި، ދިވެހިންނަށް އީޔޫގެ ގައުމުތަކަށް ދަތުރުކުރުމުގައި އޮން-އެރައިވަލް ވިސާގެ ލުއި ފަސޭހަތައް ހޯދައިދިނުމަށެވެ. މީގެ އިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެސް ވަނީ ވާހަކަދެކެވިފައެވެ.

މި ބައްދަލުވުމުގައި ކަނޑުމަތީގެ ސަލާމަތާއި ސަރަހައްދީ ރައްކާތެރިކަމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކުރުމާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.

މިއީ 2024 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއިން “ސަމޯއާ އެގްރީމެންޓް” ގައި ސޮއިކުރުމަށްފަހު ބޭއްވި މިފަދަ ފުރަތަމަ ރަސްމީ ޑައިލޮގް ކަމަށްވާއިރު، މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި އީޔޫގެ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޕައޯލާ ޕަމްޕަލޯނީއެވެ.