ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހިންގާ “ޢާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާގެ ތެރޭގައި އެކަނިވެސް، މާލެ ސަރަހައްދުން ދޫކުރާ ބިމާއި ފުލެޓަށް އެދި 1،616 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ.
ހުށަހެޅުނު ފޯމުތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކުރިމަތިލާފައިވަނީ ފުލެޓަށެވެ. އެގޮތުން ފުލެޓަށް އެދި 1،160 ފޯމު ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 456 އެޕްލިކޭޝަނެވެ. މީގެ އިތުރުން ފޯމު ފުރިހަމަކުރުމުގެ މަރުހަލާ ނުވަތަ ޑްރާފްޓް ސްޓޭޖުގައި 7،605 އެޕްލިކޭޝަން ހުރިކަން ވެސް ފާހަގަކުރެވެއެވެ.
މި ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ:
1,250 އަކަފޫޓުގެ 15,000 ގޯތި
7,900 ފުލެޓު
މި ފުރުސަތުތަކަށް އެދި ހުށަހަޅަންޖެހެނީ މިނިސްޓްރީގެ “ބޯހިޔާވަހިކަން” ޕޯޓަލް (https://boahiyaavahikan.housing.gov.mv) މެދުވެރިކޮށެވެ.
ފޯމު ހުށަހެޅުމަށް ވަކި ސުންގަޑިތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 04 މާޗު 2026 ވާ ބުދަ ދުވަހުގެ 23:59 އެވެ. އަދި ފުލެޓަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 17 އޭޕްރިލް 2026 ވާ ހުކުރު ދުވަހުގެ 23:59 އެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތަކަށް (4004-860 އިން ފެށިގެން 4004-865 އާ ދެމެދުގެ ނަންބަރުތަކަށް) ގުޅުއްވުމުން ނުވަތަ [email protected] އަށް މެއިލް ކުރުމުން ލިބޭނެއެވެ. އަދި މިނިސްޓްރީގައި ގާއިމުކޮށްފައިވާ ހެލްޕް ޑެސްކުން ވެސް މައުލޫމާތު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.