English Edition
Dhivehi Edition
އެމްއެންޔޫ އާއި އެންއައިސީ ގުޅިގެން ރިސާޗް ޕްރޮގްރާމްތަކާއި ވޯކްޝޮޕްތައް ހިންގަން އެއްބަސްވުން
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގުޅިގެން ރިސާޗް ޕްރޮގްރާމްތަކާއި ވޯކްޝޮޕްތައް ހިންގުމަށް ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ. އަދި އެންއައިސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް ޝުއައިބު އަބްދުއްރަހުމާނެވެ.

މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާ ގުޅިގެން ތަފާތު ދިރާސާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އެކި ކަހަލަ ރިސާޗް ޕްރޮގްރާމްތައް ހިންގުމާއި، މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނު ލިބޭނެ ގޮތްތައް (އޮން-ދަ-ޖޮބް ޓްރެއިނިން) ހަމަޖެއްސުން ހިމެނެއެވެ. އަދި މީގެ އިތުރުން މުވައްޒަފުންނާއި ދަރިވަރުންގެ ހުނަރު ތަރައްގީކުރުމަށްޓަކައި ސެމިނާތަކާއި ވޯކްޝޮޕްތައް ބޭއްވުމަށް ވެސް މި އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.

މިފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ އިލްމީ ހޯދުންތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް މުއައްސަސާތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ. މިކަމުގެ ސަބަބުން ޒުވާނުންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިވެ، ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދިރާސާގެ އަލީގައި ހައްލު ހޯދުމަށް މަގުފަހިވެގެންދާނެއެވެ.