ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުން، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން މާދަމާ ތާވަލުކޮށްފިއެވެ.
މެންބަރުންނަށް ފޮނުވި އެޖެންޑާގައިވާ ގޮތުން، ގާނޫނުއަސާސީ އިސްލާހުކުރުން ހިމެނޭހެން ސަރުކާރު ފަރާތުން މާދަން ތިން ބިލެއް ހުށަހަޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ބިލުތަކަށް ބަހުސްކުރަން ފަށާނެ ކަމަށް އެޖެންޑާގައި ބުނެފައިވާއިރު، ރީ-އެމްޕްލޯއިމަންޓްގެ ބިލަށް ވޯޓަށް އަހަން ވެސް އޮތީ ނިންމައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނިންމައި، މެންބަރުން ޗުއްޓީއަށް ދިޔައީ މިދިޔަ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކޮންމެ އަހަރަކު ވެސް އާ ދައުރު ފަށާނީ ފެބްރުވަރީ މަހެވެ.