English Edition
Dhivehi Edition
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު

މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސްގެ އެއްވެސް މުވައްޒަފަކު ކަރަޕްޝަނަށް މަގުފަހިވާ އަމަލެއް ނުހިންގުމަށް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރު މި ކަމަށް އިލްތިމާސްކުރެއްވީ މި ފެށުނު 2026 ވަނަ އަހަރުގެ މުނާސަބަތުގައި މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ މަނިކުފާނުގެ ވިދާޅުވީ މިނިސްޓްރީން މަޝްރޫއުތަކުގެ ފައިނޭންސިން މަސައްކަތްތައް ކުރިއަށް ގެންދަނީ ސަރުކާރުގެ އުސޫލުތަކާއި އެއް ގޮތަށް ކަމަށެވެ. ސަރުކާރުގެ މާލިއްޔަތު ގާނޫނާ ހިލާފަށް އެއްވެސް ކަމެއް މިނިސްޓްރީން ކުރިއަށް ނުގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.

އަދި ހުރިހާ މުވައްޒަފުން ވެސް އެ ގޮތުގައި ދެމިތިބުމަށް އިލްތިމާސްކުރައްވަމުން މިނިސްޓަރު ވަނީ މަސައްކަތުގެ މާހައުލުގައި ނަޒާހަތްތެރިކަން އިސްކުރަން މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ހާމަކަން ބޮޑު ގޮތެއްގައި ހަވާލުކުރެވިފައިވާ މަސައްކަތް ކުރުމަށް ވެސް މިނިސްޓަރު ގޮވައިލެއްވިއެވެ.

މިނިސްޓްރީގައި މަސައްކަތްކުރައްވާ އެންމެހައި މުވައްޒަފުންނާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީން މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކާއި އަދި މި އަހަރަށް ރާވާފައިވާ ކަންކަންކަމުގެ މަޢުލޫމާތު ވެސް މިނިސްޓަރު ހިއްސާކުރެއްވިއެވެ.