ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްގީކުރުމަށް، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން 790 މިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓަކަށް ސަރުކާރުން ހުއްދަ ދީފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މީހުން ދިރިއުޅޭ ގޮތަށް ޓޫރިޒަމް ޒޯންތައް ހެދުމަށް އެސްއީޒެޑް ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރެއިން، މި ފުރުސަތު ދީފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. މިއީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަވާނެހެން ދެމެހެއްޓެނިވި ގޮތެއްގައި އިންފްރާސްޓްރަކްޗާ ގާއިމްކޮށްގެން ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް 2028 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާއިރު، މިއީ ޓޫރިސްޓުންނާއި އާންމުންނަށް ވެސް ދިރިއުޅެވޭނެ ގޮތަށް ފަރުމާކުރެވޭ ތަނެކެވެ. މި ޓައުންޝިޕްގައި ޒަމާނީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ ތަންތަނާއި، ޓޫރިޒަމް ދާއިރާއަށް މީހުން ތަމްރީނުކުރާ މަރުކަޒުތައް ގާއިމްކުރުމަށް ވަނީ ރާވައިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި، އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަމާއި އެކުއާ ކަލްޗާގެ މަސައްކަތް ކުރެވޭނެ ނިޒާމުތައް ވެސް މިތަނުގައި ގާއިމްކުރެވޭނެ އެވެ.
މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ، މިއީ ރާއްޖޭގެ ގައުމީ ތަރައްގީއަށް އަމާޒުކޮށްގެން އިގުތިސާދީ ގޮތުން ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މި ބިޔަ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އިންގިލާބީ ތަރައްގީގެ ތަސައްވުރުގެ ދަށުން ހާސިލުވި މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.