English Edition
Dhivehi Edition

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމު ކޮށްފައިވާ ކަލެކްޝަން ސެންޓަރުތަކުގެ ތެރެއިން ފާއިތުވި އަހަރު އެންމެ ގިނަ ޢަދަދަކަށް ޓެކްސް ބަލައިގަނެފައިވަނީ އައްޑޫސިޓީ ބްރާންޗުންކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މާލެ ފިޔަވައި ރާއްޖޭގެ 12 ސަރަހައްދެއްގައި މީރާގެ ކަލެކްޝަން ސެންޓަރުތައް ޤާއިމްކޮށްފައިވާއިރު، ފާއިތުވި އަހަރު އެންމެ ގިނަ ޢަދަދަކަށް ޓެކްސް ބަލައިގަނެފައިވަނީ އައްޑޫ ސިޓީ ބްރާންޗުން ކަމަށް އެ އޮތޯރިޓީގެ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އެންފޯރސްމަންޓް ޑިޕާރޓްމަންޓް ފާތިމަތު އަމީޒާ ވަނީ ޕީއެސްއެމްގައި ވިދާޅުވެފައެވެ.

އަމީޒާ ވިދާޅުވީ ފާއިތުވި އަހަރު ކަލެކްޝަން ސެންޓަރުތަކުން މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އައްޑޫ ބްރާންޗުން ކަމަށެވެ.

އާބާދީ ބޮޑެތި ޞަރަޙައްދުތަކުގައި މީރާގެ ކަލެކްޝަން ސެންޓަރުތައް ގާއިމުކޮށްފައިވަނީ މީރާގެ ޚިދުމަތްތައް އަތޮޅުތަކުގައި ފުޅާކޮށް ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނެފަދަ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. އެގޮތުން ކަލެކްޝަން ސެންޓަރުތައް ޤާއިމްކޮށްފައިވާ ރައްތަކުގެ ތެރޭގައި ހއ.ދިއްދޫ، ށ.ފުނަދޫ، ކ.މާފުށި، ދ.ކުޑަހުވަދޫ، ލ.ފޮނަދޫ ހިމެނޭ. އަދި އައްޑޫ ސިޓީއާއި، ހދ.ކުޅުދުއްފުށި، ބ.އޭދަފުށި، ފ.ނިލަންދޫގެ އިތުރުން ތ.ވޭމަންޑޫއާއި، ގދ.ތިނަދޫ އަދި ފުވައްމުލަކު ސިޓީގައި ހިމެނެއެވެ.

ވޭތުވެދިޔަ އަހަރު ޓެކުހުގެ ގޮތުގައި މީރާއަށް 15.2 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ.