ޔޫރަޕިއަން ޔުނިއަން (އީ.ޔޫ) އިން 2015 ވަނަ އަހަރު
ނެރެފައިވާ “އަ ފެއަރ އެންޑް އެފިޝަންޓް ކޯޕަރޭޓް ޓެކްސް ސިސްޓަމް އިން ދި ޔޫރަޕިއަން ޔުނިއަން” ރިޕޯޓުގައި ހިމަނާފައިވާ “ނޮން-ކޯޕަރޭޓިވް ޓެކްސް ޖުރިސްޑިކްޝަން” ގެ ލިސްޓުން ދިވެހިރާއްޖެ އުނިކޮށްފިއެވެ. ރާއްޖެ އުނިކުރުމަށްފަހު އީޔޫއިންވަނީ 17 ގައުމެއް ބުލެކް ލިސްޓް ކޮށްފައެވެ.
އީޔޫއިން މި ފިޔަވަޅު އަޅައިފައިވަނީ މި ހިނގާ ޑިސެމްބަރު މަހު ފަސްވަނަ ދުވަހުއެވެ. އީޔޫއިން 2015 ވަނަ އަހަރު ނެރެފައިވާ ލިސްޓުގައި ދިވެހިރާއްޖެ ހިމެނުމުން ރާއްޖެއިންވަނީ އެކަމުގެ ސަބަބު ހޯދައި ރާއްޖޭގެ ޓެކްސް ނިޒާމް ހަރުދަނާ ކޮށްފައެވެ. އެލިސްޓުން ރާއްޖެ އުނިކޮށްފައިވަނީ އީޔޫގެ އިރުޝާދުގެ ދަށުން ޓެކްސް ނިޒާމް ހަރުދަނާ ކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާއި ދިވެހި ސަރުކާރުން ކުރެއްވެވި މަސައްކަތުންނެވެ.
އެ ލިސްޓުން ރާއްޖެ އުނިކޮށްފައިވަނީ ބައިނަލް އަގްވާމީ ޓެކުހުގެ މުޖުތަމައުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކޮށް ޓެކްސް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް “އޮގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑެވެލޮޕްމަންޓް (އޯ.އީ.ސީ.ޑީ) ގެ “ގްލޯބަލް ފޯރަމް އޮން ޓްރާންސްޕޭރެންސީ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން ފޮރ ޓެކްސް ޕަރޕަސަސް”ގެ މެމްބަރަކަށް ދިވެހިރާއްޖެވުމަށާއި، ބައިނަލް އަގްވާމީ ޓެކުހުގެ މައިދާނުގައި ޓެކުހަށް މަކަރުހެދުން ހުއްޓުމުވަށް އޯ.އީ.ސީ.ޑީ އާއި ޖީ.20 ގެ މެމްބަރު ގައުމުތަކުން އެކުލަވާލާފައިވާ “އިންކްލޫސިވް ފްރޭމްވާރކް” ގެ މެމްބަރަކަށް ދިވެހިރާއްޖެ ވުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، ދިވެހިރާއްޖެއަކީ މި ދެ ޖަމްއިއްޔާއްގެ މެމްބަރަކަށްވުމުންނާއި، އަދި މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފަށައިފައިވާތީއެވެ.”
ދިވެހިރާއްޖެއަކީ ޓެކްހަށް މަކަރުހަދާ ފަރާތްތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ ގައުމަކަށް ހެދުމަށް ދިވެހިރާއްޖޭގެ ޓެކްސް އޮތޯރިޓީއިން ކުރަމުންދާ މަސައްކަތްތަކަށާއި، އީ.ޔޫ އިން އިސްނަގައިގެން ބައިނަލް އަގްވާމީ ޓެކުސް ނިޒާމް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރ ވަނީ ދެއްވައިފައެވެ.