English Edition
Dhivehi Edition
ފިނޭންސް މިނިސްޓަރު ޒަމީރު ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ދެއްކޭނެ ގޮތަކަށް ކަންކަން ރޭވުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ އަންނަ އަހަރުގެ ބަޖެޓް ބަހުސްގެ ތެރެއިން ޖަވާބުދާރީވުމަށް މިނިސްޓަރު ވިދާޅުވީ ބަޖެޓްގެ މަޝްވަރާތަކުގެ އެކި މަރުހަލާތަކުގައި އިގުތިސާދީ ގޮތުން ރާއްޖެ ކުރިއަރާނެ މިންވަރާ މެދު އޮތް ކަންބޮޑުވުންތަކެއް ހިމެނޭ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދިގުމުއްދަަކަށް ދަރަނި ނެގުމަށް ހުރި ގޮންޖެހުންތައްވެސް ފާހަގަކުރެއްވޭ ކަމަށާއި، އޭގެ އެންމެބޮޮޑު ސަބަބަކީ ކުރިން ނަގާފައިވާ ދަރަނިތައް ދައްކާނެ ގޮތުގެ މާބޮޑު ޕްލޭން އެއް ނެތުން ކަމަށެވެ.

“މިސާލަކަށް ދަރަންޏެއްނަގައިފިނަމަ، އަޅުގަނޑު ކުރިން ދެންނެވިހެން 250 މިލިއަން ޑޮލަރު ނެގިއިރު އެދައްކާނެ ގޮތަކަށް ސީދާ ރޭވިފައެއް ނެތް. ހަމައެއާއެކު 250 މިލިއަން ޑޮލަރު، 500 މިލިއަން ޑޮލަރަށް ބަދަލުވެގެންދިއައިރު، އެ 500 މިލިއަން ޑޮލަރު ދައްކާނެ ހަމަ އެއްވެސްގޮތެއް ރޭވިފައެއް ނެތް. އޭގެ ނަތީޖާއަކަށްވީ މިއަދު އަޅުގަނޑުމެން، މި އިއްޒަތްތެރި މަޖިިސްވެސް އަދި ރައީސުލްޖުމްހޫރިްޔާވެސް އަދި ހުރިހާ ރައްޔިތުންވެސް ވަރަށްބޮޑު ކަންބޮޑުވުމެއްގެތެރޭގަ ތިބުން.” މިނިސްޓަރ ވިދާޅުވި އެވެ.

އެހެންކަމުން ސަރުކާރުން އަމާޒު ހިފާފައިވަނީ ދަރަނިތައް މެނޭޖުކުރެވޭނެ ޕްލޭނަކަށްދާއިރު، މިހާރު ހުރި ބޮޑެތި ދަރަނިތައް ދެއްކުމަށް ކުރިިއަށްއޮތްތަނުގައި ލިބޭ އާއްމުދަނީ ރައްކާކޮށް އެއިން މެނޭޖުކުރަމުންދިއުން ކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ، ސަރުކާރުން ދަރަންޏެއް ނަގާނަމަ އެ އަނބުރާ ދައްކާނެ ރަނގަޅު ޕްލޭނެއް ގެންގުޅޭނެ ކަމަށެވެ.