English Edition
Dhivehi Edition
"ސިގްނޭޗާ ރިސާޗް ސްކޮލާޝިޕް" ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުން

ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން ދޭ “ސިގްނޭޗާ ރިސާޗް ސްކޮލާޝިޕް” 40 މީހަކަށް އެވޯޑްކޮށްފިއެވެ.

މި ފަރާތްތަކަށް ސްކޮލަރޝިޕް ލިބުންކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެކަމަށްޓަކާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

ދިވެހި ތަރިކައިގެ އިލްމު އުފައްދާ ގާބިލު ތަރިކަވެރީންތަކެއް އުފެއްދުމަށް ހުޅުވާލި ސިގްނޭޗާ ސްކޮލަރޝިޕްތަކަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގައި މާސްޓާސް އިން ރިސާޗް އެންޑް ޕަބްލިކޭޝަން ޕްރޮގުރާމެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ސްޕޮންސާ ކުރާ ފުރުސަތެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިވެހި ގައުމިއްޔަތުގެ ދާއިރާއިން އިލްމީ، ފިކުރީ އަދި ދިވެހި ގައުމިއްޔަތުގެ ދާއިރާގެ ހައިސިއްޔަތަށް އިސްކަމެއް ދީ، ތަރިކައިގެ ދާއިރާއިގެ ދިރާސާތައް ކުރުމާ، އެ ދިރާސަތައް ޝާއިއުކުރެވޭނެ މަގު ފަހިކޮށްދިނުންކަމަށް ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ވަނީ ބުނެފައެވެ.

މި ސްކޮލާޝިޕްގެ ދަށުން، ހިންގާ ދިރާސީ މަސައްކަތް 2 އަހަރު ދުވަހު ކުރިއަށް ގެންދިޔަ ހަމަޖެހިފައިވާއިރު މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު 2 ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގައި އިލްމީ ހޯދުންތަކާ ގުޅޭ މަސައްކަތްކުރަން ޖެހެއެވެ. މި ސްކޮލާޝިޕްގައި ކިޔަވާ ފަރާތްތަކުގެ ކޯސްފީ ދެއްކުމަށް ހަމަޖެހިފައިވަނީ، ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުންނެވެ.