English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު

ކ. ކާށިދޫގެ ތަރައްގީގައި ހަގީގީ ކުލަޖައްސައިދެއްވައި، ރައްޔިތުން އެދޭގޮތަށް ކަންކަން ބައްޓަންކޮށްދެއްވައި، ފުރިހަމަކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މާލެ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން، ރަސްމީ ހައިސިއްޔަތުން އެމަނިކުފާނަށް ވަޑައިނުގެންނެވި އޮތް ތިންރަށަށް މިއަދު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ކ. ކާށިދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ކ. ކާށިދޫގެ ތަރައްގީއާ ގުޅުންހުރި އުންމީދީ ހަބަރުތަކެއް ދެއްވާފައެވެ. ޖިއޮގްރަފީ ގޮތުން ކާށިދޫ އޮތް ސަރަޙައްދަކީ އިސްތިރާޖީ ގޮތުން މުހިންމު ސަރަހައްދަކަށްވީ ނަމަވެސް، ރައްޔިތުން ދިރިއުޅެން ޖެހިފައިވަނީ ވަރަށް ދުރުގައި، އެކަހެރިކޮށްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ލުއި ފަސޭހަ ގޮތެއްގައި ސިއްހީ ފަރުވާގެ ކަންކަން ފުރިހަމަވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހެލްތު ސެންޓަރުގެ އައު ޢިމާރާތެއް އެޅުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާ، އެ އިމާރާތް ފަރުމާކުރެވޭނީ އެކްސް-ރޭ އަދި ސްކޭނިންގްގެ ޚިދުމަތްދެވޭ ގޮތަށް، ވޯޑަށް އެނދު އިތުރުކުރެވި، ކްލިނިކަލް މަސައްކަތަށް ޖާގަ ހިމެނޭގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް 2026 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅުއްވާ ބަޖެޓުގައި، އަލަށް ފަށާ މަޝްރޫޢެއްގެ ގޮތުގައި، އަދި ކާށިދޫއަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާނީ، ބަނދަރުގެ މަޝްރޫއުކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ އަންނަ އަހަރު ކާށިދޫގެ ބަނދަރު ހައްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ކާށިދޫގައި ފަތުރުވެރިކަން ފުޅާކުރުމަށް އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކާއި، އެކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކާށިދޫ ފަޅުގައި ރިސޯޓް ތަރައްގީކުރުމަށް ލުއިތަކާއެކު 2 ވަނަ ފަހަރަށް ހުޅުވާލެއްވި ފުރުސަގެ ތެރެއިން އިންވެސްޓަރުން ލިބި، ފަތުރުވެރިކަން ތަރައްގީވެގެން ދިއުމަކީ އެކި ގޮތްގޮތުން ރަށަށް ކުރިއެރުން ލިބޭނެކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯއްދަވައިދެއްވުމަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ޚިދުމަތް ކާށިދޫއަށްވެސް ހަމަޖެހިގެންދާނެ ކަމަށާ، ފަތުރުވެރިކަން ފުޅާވެގެން ދިއުމާއެކު، ވައިގެމަގުން ކުރެވޭ ސީޕްލޭން ދަތުރުތައްވެސް ޝެޑިއުލްކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގެ ހަބަރު، ރައީސް ވަނީ ކާށިދޫ ރައްޔިތުންނަށް ދެއްވާފައެވެ.

ކާށިދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމް ހިންގުމުގެ މަޝްރޫޢުގައި މިއަދު ސޮއިކުރައްވާފައިވާއިރު، މިއީ ރަށުގެ ރައްޔިތުންނާއި އިޤްތިޞާދަށް ކުރިއެރުން ލިބޭނެކަމެއް ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.