English Edition
Dhivehi Edition
އިމިގްރޭޝަން ވޯކްއިން އިންޓަވިއު / ފޮޓޯ: އިމިްގރޭޝަން

އިމިގްރޭޝަނަށް 70 އޮފިސަރުން ހޯދުމަށް އަންނަ ހޮނިހިރު ދުވަހު ވޯކް-އިން އިންޓަވިއުއެއް ބާއްވަން ނިންމައިފިއެވެ.

މި ވޯކް-އިން އިންޓަވިއު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 08:30 އިން ހަވީރު 16:30އަށެވެ.

އިމިގްރޭޝަނުން ބުނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެންނަން ޖެހޭނެ ކަމަށެވެ. މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނީ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިންކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.. އިންޓަވިއުއަށްފަހު، މުވައްޒަފުން ހޮވުމަށް ބޭއްވޭ އިމްތިހާނު އޮންނާނީ ނޮވެމްބަރު 4 އާއި 8އާ ދެމެދުގެ ދުވަހެއްގައެވެ.

މި މަގާމުގެ މުސާރަ އަކީ މަހަކު -/6500 ރުފިޔާއެވެ. ސަރވިސް އެލަވަންސްގެ ގޮތުގައި -/1500 ރުފިޔާ ލިބޭއިރު، ބޭސިކް ޓްރޭނިންގ ފުރިހަމަކުރުމުން މުސާރައިގެ 35 އިންސައްތަ ސްޕެޝަލް ސަރވިސް އެލަވަންސްގެ ގޮތުގައި ލިބޭނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި މަގާމަށް ކުރިމަތިލުމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން ‘ޑީ’ ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން ހިމެނެއެވެ. ނުވަތަ އެމްކިއުއެފް ލެވެލް 3 ގެ ތިން ސެޓްފިކެޓް ހާސިލުކޮށްފައިވުން އެކަށީގެންވެއެވެ. އަދި 2025 ނޮވެމްބަރު 1 ވާ ދުވަހު އުމުރުން 30 އަހަރު ފުރިފައިނުވުމަކީވެސް މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަވާންޖެހޭ ޝަރުތެކެވެ.

މި މަގާމަށް ހޮވޭ މުވައްޒަފުން އެންމެ ގިނަވެގެން ބެހެއްޓޭނީ 8 މަސްދުވަހަށް ކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ މި މުއްދަތުގެ ތެރޭގައި ބޭސިކް ޓްރެއިނިންގ ފުރިހަމަކޮށް ފާސްވާ ފަރާތްތަކަށް، ސީ.އެސް 3-1 އިން ސީ.އެސް 6-1އާ ދެމެދުގެ ޝަރުތު ހަމަވާ ރޭންކެއްގެ ފުރަތަމަ ގްރޭޑަށް ކުރިއެރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ނަމަވެސް، މި މުއްދަތުގައި ބޭސިކް ޓްރެއިނިންގ ފުރިހަމަ ނުވާ ފަރާތްތައް ވަޒީފާއިން ވަކިކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމާއި އިންޓަވިއު ކުރުން ކުރިއަށްގެންދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 08:30 އިން ހަވީރު 16:30 އަށެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ސަލާހުއްދީން ސްކޫލްގައެވެ.

އިމިގްރޭޝަން އޮފިސަރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެއާޕޯޓުގެ ބޯޑަރ ކޮންޓްރޯލްގެ މަސައްކަތްތަކާއި، ދިވެހި ރައްޔިތުންނަށް ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމެންޓްގެ ހިދުމަތްދިނުން ހިމެނެއެވެ. މީގެ އިތުރުން، ސީޕޯޓް ސެކްޝަނާއި، ވިޒާ ސެކްޝަންގެ މަސައްކަތްތައްވެސް މި ވަޒީފާ އަދާކުރާ ފަރާތްތަކުން ކުރަންޖެހެއެވެ.