English Edition
Dhivehi Edition
އެމްޑީޕީގެ އަހަރީ ދުވަހު ކޭކު ފަޅަނީ: - ފޮޓޯ/ އެމްޑީޕީ

މަރުކަޒީ ބޭންކު، އެމްއެމްއޭއިން 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމަށްފަހު ޕެންޝަން ފަންޑު މެދުވެރިކޮށްގެން ސަރުކާރަށް އެ ފައިސާ ނެގުމަށް މަސައްކަތްކުރުމަކީ، އަލަށްކުރާ ނުރައްކާތެރި ކަމެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކަން މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ފާސްކޮށްފައިވާއިރު މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައިވަނީ، ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމާއި ވެރިންގެ ނާގާބިލުކަމުގެ ސަބަބުން ބޭރުން ފައިސާ ހޯދަން ނުކުޅެދި، އެތެރެއިން ފައިސާ ހޯދާނެ އިތުރު ގޮތްތައް ވެސް ބަންދުވެފައިވާ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކާއި ބޭންކުތަކުން އިތުރަށް ނަގާނެ ފައިސާ ނެތުމުން 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމަށްފަހު ޕެންޝަން ފަންޑު މެދުވެރިކޮށްގެން ސަރުކާރަށް އެ ފައިސާ ނެގުމަށް ނިންމީ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ، ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް އެ ކުރަނީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި މިއީ މިހާތަނަށް ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގައި ގެންގުޅެމުން އައި ހުރިހައި ހަމަތަކެއް މުގުރައިލައި، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް، އެ ފަންޑުގައި ހުރި ފައިސާ ސަރުކާރަށް ނަގަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިސްވެ އޮވެ، ކުރުވަމުންދާ މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީން ވަނީ ކޮވިޑް19 ގައި ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމް ހުއްޓުމަކަށް އައިސް، ދައުލަތުގެ އާމްދަނީ އެތައް ގުނައެއް ދަށަށް ދިޔަ ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި، ގޭހާއި ބޭސްފަދަ ޒަރޫރީ ތަކެތި ލިބުން ހުއްޓުމަކަށް ނާންނާނެކަން އޭރުގެ އެމްޑީޕީ ސަރުކާރުން ކަށަވަރުކޮށްފައިވާކަމަށް ބުނެފައެވެ.

އެ ހާލަތުގައި ހަރަދުތައް ހަމަޖައްސަން ޖެހުނީ، އެމްއެމްއޭއިން އެޑްވާންސްކޮށް ފައިސާ ނަގައިގެން ކަން ހާމަކޮށް މި ބަޔާނުގައި ވަނީ، ގާނޫނުގައި ބަޔާންކޮށްފައިވާ، ގުދުރަތީ ކާރިސާއެއް މެދުވެރިވުމާއި އިގްތިސާދަށް ބޮޑު ހީނަރުކަމެއް ދިމާވުމުގެ ދެ ހާލަތު އެއްފަހަރާ ކުރިމަތިވެފައިވާތީ، އެ ގޮތަށް ފައިސާ ނެގުމަށް ގާނޫނުން ލިބޭ ފުރުސަތުގެ ތެރެއިން، ޒިންމާދާރުކަމާއެކު އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ކުއްލިއަކަށް 2.5 ބިލިއަން ރުފިޔާ ޗާޕުކުރަން ނިންމައިފައިވަނީ، މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި، ދައުލަތަށް ފައިސާ ހޯދާނެ ކަމަށް ފިނޭންސް މިނިސްޓަރު ބަޔާންކޮށްފައިވާ ކަންކަމާ ޚިލާފަށް ކަމަށް އެ ޕާޓީން ތުހުމަތުކުރެއެވެ.