އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ކުރިއަށް ގެންދިޔަ ބޮޑު އެއްވުން ރޫޅާލަން ފުލުހުން މަސައްކަތްކުރީ ގަދަބާރު ބޭނުންކޮށްގެން ކަމަށް އެ ޕާޓީން ބުނެފިއެވެ.
“ލޫޓުވައިފި ލޫޓުވައިފި” ނަމުގައި ރޭ ކުރިއަށް ގެންދިޔަ އެއްވުމުގެ ބައިވެރިން، މަޖިދީ މަގުން ކުރިއަށް ދިއުމަށް ހިނގައިގަތުމާއެކު ފުލުހުން ވަނީ ހުރަސްއަޅައި، އެމީހުން ހިފަހައްޓާފައެވެ. އަދި އެސަރަަހައްދުން މީހުން ހުއްޓުވުމަށް ޕެޕަރ ސްޕްރޭ ޖަހާފައިވެއެވެ.
އެ ކުރިމަތިލުމުގެ ވަކި ހިސާބަކުން ފެނުނީ މުޒާހަރާގެ ތެރެއިން މީހަކު ފުލުހުންގެ ޝީލްޑެއް ހިފައިގެންދާ މަންޒަރެވެ. އެ މަންޒަރު އެކްސްގައި އާންމު ކުރުމަށް ފަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ޑިއުޓީގައި ތިބި ފުލުހުންގެ އަތުން ގަދަކަމުން ސާމާނު އަތުލުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އެއީ ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅުން ކަމަށް ވިދާޅުވެ އިހުސާން ވަނީ އެއީ އަނިޔާވެރި އަމަލުތަކެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.
މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޕޯސްޓަށް ދެއްވި ރައްދުގައި އެމްޑީޕީން ބުނީ، މުޒާހަރާ ހުއްޓުވައި ސުލްހަވެރި އެއްވުން ގަދަކަމުން ރޫޅާލަން ފުލުހުން މަސައްކަތްކުރީ ޕެޕަރ ސްޕްރޭ އަދި ރަޔަޓް އިކުއިޕްމަންޓް ބޭނުންކޮށްގެން ކަމަށެވެ.
އިހުސާންގެ ޓްވީޓުގައި ވަނީ ކަނޑައެޅިގެން ދޮގެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ފުލުހުން ރޭ ނެރުނު ބަޔާނުގައި ވެސް ބުނީ ކުރިން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް މަޖީދީ މަގުން ކުރިއަށްދާން ފެށުމުން އެގޮތަށް އަމަލުނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ، އިންޒާރުދީފައިވާނެ ކަމަށެވެ. ނަމަވެސް، އެކަމަށް އިޖާބަނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި ފުލުހުންގެ އާލަތްތައް އަތުލަން މަސައްކަތްކޮށް އަދި ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ބުންޏެވެ.
“މި އަމަލުތައް ހިންގި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ. އަދި ހަމައެއާއެކު، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްނޭޅުމަށް އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރިވަމެވެ،” ބަޔާނުގައިވެއެވެ.
އޭގެ ރައްދުގައި އެމްޑީޕީގެ ގާނޫނީ ޓީމުން ބުނީ، އެ ޕާޓީން ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމުގައި ދެއްކި ވާހަކަތަކާ ފުލުހުން ހިލާފު ވެފައިވާ ކަމަށެވެ.