English Edition
Dhivehi Edition
އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

އެމްޑީޕީ އެއްވުމުގަައި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެމްޑީޕީން މި މަހުގެ 3 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ފުލުހުން ބުނީ “ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު” އާއި އެގާނޫނަށް އިސްލާހު ގެނެސްފައިވާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ސުލްހަވެރިކަމާއެކު ކުރިއަށްގެންދެވޭ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެފަދަ ހަރަކާތްތައް ހިންގޭ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެ ހިދުމަތުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންގެންދާ މަސައްކަތެއް ކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ސިޔާސީ ބައެއް ފަރާތްތަކުން އިސްނަގައިގެން، އަންނަ ހުކުރު ދުވަހު ބޭއްވުމަށް ރާވާފައިވާ ހަރަކާތުގައި ދިވެހި ފުލުހުންގެ ހިދުމަތުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް، ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެފަދަ އަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތު ގެލިދާނެ ކަންތައްތައް ކަމަށާއި އެހެންކަމުން، ސުލްހަވެރި ހަރަކާތެއްގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ހަރަކާތުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުން ވަނީ އެދިފައެވެ.