English Edition
Dhivehi Edition

ވ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ހުޅުވައި އެ ރަށްރަށުގައި ފުލުހުން ގާއިމުުވެ ތިބެ ހިދުމަތްދޭން ފަށައިފިއެވެ.

ފުލުހުންގެ ހިދުމަތް ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ގާއިމުވެގެން މި ދިޔައީ ރަކީދޫގައި ހުޅުވި ޕޮލިސް ޑެސްކުގެ ހިދުމަތް ފެށުމާ އެކުގައެވެ. ރަކީދޫ ޕޮލިސް ޑެސްކު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާއި ރަކީދޫ ކައުންސިލު ރައީސް އަބްދުﷲ ރަޝީދުއެވެ. މި ރަސްމިއްޔާތުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން ރަކީދޫ ކައުންސިލާއި ރަށުގެ އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވެެލެއްވިއެވެ.

ރަކީދޫގައި ހުޅުވި ޕޮލިސް ޑެސްކާއެކު، ރައްޔިތުންނާ ގުޅިގެން އަދި ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތް އިތުރު ހަރުފަތަކާ ހަމައަށް ވާސިލުވެ، ގާނޫނު ތަންފީޒުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކޮށް ރައްޔިތުންގެ ބައިވެރިވުމާއެކު ފުލުހުންގެ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފެލިދޫ ޕޮލިސް ސްޓޭޝަނުގެ އައު އިމާރާތުގެ ބިންގާ ވެސް ވަނީ އަޅާފައެވެ. ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ.