English Edition
Dhivehi Edition
ރައީސް މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

އައްޑޫ ލާމަރުކަޒު ކުރާނެ ގޮތް ނިންމާނީ އެ ސިޓީގެ ރައްޔިތުން ކަމަށާއި އައްޑޫ އަތޮޅުގެ ހުރިހާ ރަށެއްގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ ރައީސް ވިދާޅުވީ، އައްޑޫ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ބޭނުންވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އައްޑޫގެ ބައެއް ރަށްރަށުން އެގޮތަށް އެދިފައިވާތީ ކަމަށެވެ. މި ވޯޓު ވެގެން ދާނީ ވަރަށް ތާރީހީ ވޯޓަކަށް ކަމަށާއި މި ވޯޓު ވެގެން ދާނީ މިކަމާ ގުޅޭ ގާނުނުގެ ދަށުން ނަގާ ފުރަތަމަ ވޯޓު ކަމަށް ރައީސް ވިދާޅުވިއެވެ.

މުޅި އައްޑޫ ސިޓީ އެއް ކައުންސިލެއްގެ ބެލުމުގެ ދަށުން ހިންގުމާ މެދު އެ ސިޓީގެ އެކި ރަށްތަކުގެ ހިޔާލު ތަފާތުވުންތަކެއް ހުރި ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއް ހަމައަކުން ކައުންސިލްގެ ހިދުމަތް ހޯދުމުގައި ބައެއް ރަށްރަށް ތަފާތު ކުރާ ކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކުރިން، މިކަމާމެދު ގޮތެއް ނިންމަންޖެހޭ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދެވޭނީ މި ވޯޓަށް ފަހު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާ ބޮޑު ނިންމުމެއް ރައްޔިތުންގެ ހިޔާލަށް ނާހާ ނުނިންމާނެ ކަމަށާއި މިފަދަ ވޯޓެއްގެ ސަބަބުން އައްޑޫގެ ކައުންސިލްތަކަށް ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.