English Edition
Dhivehi Edition

ރާފަޅާއަކީ ހަތްދިހައިގެ އަހަރުތަކާއި އަށްޑިހައިގެ އަހަރުތަކުގައި މީދޫގައި ބޮޑެތިވި ދެޖިންސުގެ ޒުވާނުންގެ އިޝްގުގެ މަންޒިލެވެ. އެމީހުންގެ ހަނދާނާއި ގުޅިފައިވާ މޮނިއުމެންޓެވެ. ޅައިރާއި ޒުވާން ދައުރުގެ ފޮނި އެތަކެއް ހަނދާންތަކުގެ ހާއްޔަކީ ރާފަޅާދޮށެވެ. ޚާއްސަކޮށް އިރުމަތީ އަވަށުގެ ޒުވާނުންނަށް ރާފަޅާގެ މުހިއްމުކަން ބޮޑެވެ. ރާފަޅާއަކީ ރުކެކެވެ. ކޯގަންނު ގަބުރުސްތާނުގެ އުތުރުފާރާތު ދޮރާއި ދިމާލުން ހޭޅިފަށުގައި ހުރި ރުކެކެވެ. ފަނަރަވަރަކަށް ފޫޓުގެ ރުކެކެވެ. މޫދާއި ވީފަރާތަށް ލެނބިފައެވެ. ރުކުގެ މިލްކުވެރިޔަކީ ބުނެވޭގޮތުން މިސްކިތްދޮރެގޭ އިބުރާހިމް ދީދީއެވެ. ރުއް ފޯދުމާއެކު އެއީ ރާރުކެއްކަމަށް ފާހަގަ ކުރެވިގެން ރައިވެރިކަން ކުރަންފެށީ ދާޔާގެ އަބުދުއްރަހުމާނެވެ. ގިނަބަޔަކު ދަންނަ ނަމުންނަމަ ބޮޑުއަބުދެވެ. ރާފަޅާގައި ބަނދެފައި ހުރީ އެންމެ ތެޅާދަނޑިއެކެވެ. ތެޅާދަނޑިއަކީ ރުކަށް އެރުމަށްޓަކައި ރައިވެރިން ބަންނަ ހަރެކެވެ. ތެޅާދަނޑި ބަނދެފައި ހުރީ ބިމުން ފެށިގެން ހަ ފޫޓު މަތީގައެވެ. އެހާމަތީގައި ބަނުމުގެ ބޭނުމަކީ ޖޫނިއަރ ޖަންގަލީ ކުލަބު (ޖޭޖޭސީ) ގެ ކުދީންގެ ފަރާތުން އުނދަގުލެއް ނުފޯރާނެގޮތް ހެދުމެވެ. ޖޭޖޭސީ ކުލަބޭ ކިޔަނީ އިރުމަތީ އަވަށުގެ ޒުވާން ފިރިހެންކުދިންގެ ބައިގަނޑަކަށެވެ. ނަމަވެސް އެކުދިންގެ އުނދަގޫ ފޯރިއެވެ. ގޮޅާބައި ތަޅާލުމާއި ރާފޮދު ބޮއިލުންފަދަ ކަންތައް ކުރެއެވެ. މިކަންތައް ބޮޑުވެގެން ރުކަށް އެރުން ބޮޑުއަބުދު ހުއްޓާލިއެވެ. ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ރާއެރުމުގެ މަސައްކަތް ފެށިއެވެ. މިފަހަރުވެސް މަންފާ ލިބޭގޮތް ނުވުމުން ހުއްޓާލީއެވެ.

ރާފަޅާ ކުރިން ހުރިތަނުގައި މީދޫ ޒުވާނުންތަކެއް އަލުން ރުކެއް އިނދާފައި
ރާފަޅާގެ ފަނަކީ ރުކުގައި ވަރަށް ވަރުގަދައަށް ހަރުލާފައިވާ ފަނެކެވެ. ފަނުގައި އެލިގެން ވަރަށް ގިނަކުދިން ޓާޒަން ކުޅެއެވެ. ރާފަޅާ މަޝްހޫރުވުމުގެ ސަބަބަކީ ރާފަޅާ ހުރި ތަނެވެ. އެދިމާލުން އަތިރިމައްޗާއި އެންމެ ކައިރީގައި ހުރި ރުކަކީ ރާފަޅާ ކަމުގައިވުމާއި ކައިރީގައިވެސް އެހެންރުކެއް ނެތުމެވެ. މީދޫގެ މަސްވެރިން ކޯގަންނު މެދުޒިޔާރަތާއި ހަމަވުމުން ދޯނީގެ ފަލި ހިއްލާލައިގެން އިރުކޮޅަކު ތިބޭނެއެވެ. ފަލިހިއްލައިގެން ތިބޭތިބުމަށް ކިޔަނީ ޒިޔާރަތަށް ފަލިދިނުމެވެ. މަސްވެރިން ކަނޑަށް ނިކުމެ މެދުޒިޔާރަތާއި ހަމަވުމުން ޒިޔާރަތަށް ފަލިދީފައި ނޫނީ ކުރިޔަކަށް ނުދާނެއެވެ. އެކަންކުރާއިރު އެދިމާލުން ރާފަޅާ ފެންނަންހުރުމަކީވެސް ރާފަޅާ މަޝްހޫރުވި ސަބަބެކެވެ. މީގެ އިތުރުން ރާފަޅާއާ ސީދާވާގޮތަށް ފަރުމަތީގައި އޮންނަ މަޝްހޫރު ބޮނޑޮގަލާއަކީވެސް ރާފަޅާގެ ހައިބަތު ފުރިހަމަކޮށްދޭ އެއްޗަކަށް އޮންނަނީ ވެފައެވެ. މީގެ ފަންސަވީހަކަށް އަހަރު ކުރިއާއިހަމަޔަށް އެ ސަރަހައްދަކީ ހުދުކުލައިގެ ހިމުންވެލީގެ ރީތި ސަރަހައްދެކެވެ. ހަވީރު މޫދުން ލޮނު ނަގަންދާ ފުރާވަރުގެ އަންހެންކުދީން ރާފަޅާގެ ހިޔަލުގައި މަޑުކޮށްގެން ތިބެއެވެ. ރާފަޅާ ދޮށުގައި ހިޔާކޮޅެއް އޮވެއެވެ. އަންހެންކުދީންނަށް ފުރައްސާރަކުރުމުގެ ގޮތުން ލާނެތް ފިރިހެންކުދިން ރާފަޅާދަށުގައި އަނދަވަޅު ކޮނެއެވެ. ވަޅުގެ މަތީގައި އިލޮށިއަޅައި އިލޮށީގެ މަތީގައި އުނިފަތްއަޅައި ފަތުގެ މަތިން ވެލި އަޅައެވެ. ވަރަށް ގިނަކުދިން މިވަޅުވަޅަށް ވެއްޓޭނެއެވެ. ވެއްޓޭ ވެއްޓުމުން އުފެދޭ ނަފްރަތު ގިނަފަހަރަށް ލޯތްބަށް ބަދަލުވެޔޯލައެވެ. ހަވީރުގަޑީގައި އިރުމަތީއަވަށުގެ އަންހެންކުދިންވެސް ބައިބަޔަށް ރާފަޅާދޮށުން ގޮނޑުދޮށަށް ފައިބާނެއެވެ. މިފޭބުމެއް ފައިބާނީ ވަރަށްވެސް ބޮޑަށް ނަލަހެދިގެންތިބެއެވެ. އަންހެންކުދިން އަންނަނީ މައިގަޑު ދެބޭނުމެއްގައެވެ. އެއްބޭނުމަކީ މަސްކައްކަން މޫދުލޮނު ނެގުމެވެ. އަނެއްބޭނުމަކީ ހިމުން ދޮންވެލި ނެގުމެވެ. އެދުވަސްވަރަކީ ކޮލްގެޓް އާއްމު ދުވަސްވަރެއް ނޫނެވެ. އެހެންވީމާ ގިނަބަޔަކު ދޮންވެލި ބޭނުންކުރެއެވެ. ބައެއް ކުދީންގެ ތިންވަނަ ބޭނުމެއްވެސް އޮވެއެވެ. އެއީ ހޯދައިލުމެވެ. ދިޔަވަރު ބޮޑު ދުވަސްދުވަހު އަންހެންކުދިންވެސް ރާފަޅާދޮށުން މޫދަށް ފައިބާނެއެވެ. އެކުދިންނަށް ތިއްތި ދެއްކޭންވެގެން ފިރިހެންކުދިންވެސް މޫދަށް އެރި ޗަރުކޭސް ދައްކާނެއެވެ. ބައެއްފަހަރު ލޯބިވެރިންނާއި ރައްޓެހިންވެސް ފިނިކޮށްލަން ރާފަލާދަށުގައި ތިބޭނެއެވެ. މިގޮތަށް ތިބޭބަޔަކާއި އެހެންބަޔަކު ނުފޮށޭނެއެވެ. އުނދަގުލެއް ނުކުރާނެއެވެ. އެހެންކަމުން ރާފަޅާދޮށަކީ އަމާންކަން ލިބިގެންވާ ޕޮއިންޓެކެވެ. އިރުއޮއްސި އަނދިރިވުމަށްފަހު އެހިސާބުގައި ރަސްކަންކުރާކަމަށް ބުނެވެނީ ތަންކޮޅެއް ބޮޑެތި ޒުވާނުންނެވެ. މީގެ ސާޅީހަކަށް އަހަރު ކުރިން ދިޔަވަރު ބޮޑުވާ ދުވަސްތަކުގައި ކޯގަންނު ބޮނޑުދޮންވެލިގަނޑަށް ދޭތެރެ ދޭތެރެއިން ރާޅުއަރައެވެ. ބޮޑުދޮންވެލިގަނޑަކީ ޖޭޖޭސީ ކުލަބުގެ ރަސްމީ ފުޓުބޯޅަ ދަނޑެވެ. ބޮޑުދޮންވެލިގަނޑުގައި ފުޓްބޯޅަ ކުޅުމާއި މެދެލޮންޑާ ކުޅުން އޮވެއެވެ. ބައެއްތަނުގައި ވިނައެއް ނުހުރެއެވެ. ރާޅު އެރިޔަސް އެއީ ގިރާ ސަރަހައްދެއްނޫނެވެ. ނަވާރަސަތޭކަ ނުވަދިހައިގެ ކުރީކޮޅު މީދޫ ބަނދަރު ހެދިއިރު އެސަރަހައްދުގެ އޮއި ދެމޭ ބައެއް ތަންތަން ބެއްދިއެވެ. އެކަމުގެ ސަބަބުން ސަރަހައްދުގެ އޮއިވަރަށާއި މާހައުލަށް ބޮޑެތި ބަދަލުތަކެއް އައިސް ރާފަޅާ ހުރި ސަރަހައްދު ގިރައިގެންދިޔައެވެ. ރާފަޅާ ހުރި ސަރަހައްދު ގިރައިގެން ދިއުމުގެ ސަބަބުން ދުވަސްތަކެއް ވާންދެން ރާފަޅާ ހުރީ ގޮނޑު ދޮށުގައެވެ. އެ ގޮތަށް ގޮނޑުދޮށުގައި ހުރުމަށްފަހު ވެއްޓުނީއެވެ. އެހެންނަމަވެސް އޭގެ ހަނދާންތައް އަދިވެސް ހަމަތާޒާކޮށް އެބަހުއްޓެވެ.

  • މިއީ މީދޫ.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ

ޓެގު