English Edition
Dhivehi Edition
ފޮޓޯ:ވަގުތު

ގދ. ކާޑެއްދޫ އެއާޕޯޓުގެ ލީސް އެގްރިމަންޓު ބާތިލުކުރުމަށްފަހު އެ އެއާޕޯޓު ސަރުކާރަށް ނެގުމަށްޓަކައި ބަދަލެއްގެ ގޮތުގައި ވިލާ ކުންފުންޏަށް 18 މިލިއަން ޑޮލަރު ދިނުމަށް ހުށަހަޅައިފިއެވެ.

ވިލާ އެއާގެ ޗެއާމަން އަދި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމަށް އެޑްރެސްކޮށް ރައީސް އޮފީހުން ފޮނުވި ސިޓީގައި ވަނީ އެއާޕޯޓާ ގުޅިގެން ކުންފުނިން ކޮށްފައިވާ ހަރަދުތަކުގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން އެމެރިކާ ޑޮލަރު، 18 މަސްދުވަހަށް ބަހާލައިގެން ވިލާ ކުންފުންޏަށް ދިނުމަށެވެ. މީގެ އިތުރުން ސަރުކާރުން ހުށަހަޅާފައިވާ އިތުރު ގޮތަކީ ވިލާ ގުރޫޕުގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 18 މަސްދުވަހަށް ބަހާލައިގެން އެޖަސްޓްމަންޓެއް ހެދުމެވެ.

އިތުރަށް މި ސިޓީގައި ބުނެފައިވަނީ އެ އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުވާނެ ކަމަށް އާނެސްޓް އެންޑް ޔަންގުން ލަފާކުރީ 100 މިލިއަން ޑޮލަރު ކަމަށެވެ. އަދި ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް އަނބުރާ ހަވާލުކުރަން ވިލާ އެއާ ކުންފުނިން ހުށަހެޅީ، ދައުލަތުން 21 މިލިއަން ޑޮލަރު ދޭ ގޮތަށް ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ރައީސް އޮފީހުން ބެލި ބެލުމުން ކާޑެއްދޫ އެއާޕޯޓުގެ އަގަކީ، 18.5 މިލިއަން ޑޮލަރު ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި އެއާޕޯޓު ތަރައްގީ ކުރަން ޖާމިނުކޮށް އެ ކުންފުންޏަށް އދ. އަތޮޅުން ދީފައިވާ ދެ ފަޅުގެ އަގަކީ 15 މިލިއަން ޑޮލަރުކަމާއި، އެއީ ޖުމްލަ 33.5 މިލިއަން ޑޮލަރުކަމަށް ސިޓީގައިވެއެވެ.