English Edition
Dhivehi Edition
ރައީސް ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ: ރައީސް އޮފީސް

ފެނާއި ނަރުދަމާގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މިމަހުގެ 11 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.

ފެނާއި ނަރުދަމާގެ ޤާނޫނުގައި މީގެ ކުރިން އޮންނަ ގޮތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، ފެނާއި ނަރުދަމާގެ ޤާނޫނަށް އަަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 5 އަހަރުގެ ތެރޭގައި ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަންވާނެއެވެ. މި ޤާނޫނު ތަސްދީޤުކުރީ 2020 ވަނަ އަހަރުއެވެ. އެ މުއްދަތު މި މަހުގެ ހަތަރު ވަނަ ދުވަހަށް ހަމަވެފައިވާއިރު، އަދިވެސް ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރެވިފައެއް ނުވެ އެވެ.

ރައީސް އޮފީހުން ބުނީ އެ އިސްލާހު ހުށަހެޅި މައިގަނޑު ބޭނުމަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެ ރަށަކަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ގާއިމްކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުމަށް ކަމަށެވެ.

މި ބިލުގައި ފެނާއި ނަރުދަމާގެ ޚިދުމަތާ ގުޅޭގޮތުން ކައުންސިލުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުދިނުމާއި، ކައުންސިލްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ހިމަނާފައިވެއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާގެ ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ލައިސަންސް ދޫކުރުމުގެ ޝަރުޠުތަކާއި ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ ލެބޯޓްރީތަކުގައި ފެން ތަޙްލީލުކުރުމުގެ ޚިދުމަތް ދިނުމާގުޅޭ ޝަރުޠުތައް ކަނޑައެޅުންވެސް ހިމެނެއެވެ.

ހަމަމިއާއިއެކު ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޢަމަލެއް ކުރާ ފަރާތެއްގެ އަދަބުވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތައް، މި އިސްލާހަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ޝާއިޢުކުރަންވާނެކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.