ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް އިސްލާމިކް ހަމަޖައްސައިފިއެވެ.
ބީއެމްއެލް އިން ބުނީ މި މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެއް ކަމަށެވެ. އެގޮތުން މި ކޮންފަރެންސްގައި އިލްމުވެރިންނާއި، ޒަކާތުގެ މަސައްކަތުގެ ބައިވެރިންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުގެ އިތުރުން މުޖުތަމައުގެ އިސްވެރިން ގުޅިގެން، އިޖްތިމާއީ ދުޅަހެޔޮކަމާއި އިގްތިސާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކުރެވޭނެ ސްޓްރެޓެޖީތައް ދެނެގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ
ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިސްލާމިކުން އެކައުންޓާއި ކާޑު އަދި ފައިނޭންސިން ހިދުމަތްތައް ހިމެނޭހެން ހުރިހާ އިސްލާމިކް ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދެމުން ދާކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އަދި އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިންގއާއި ކޭޝް ފައިނޭންސިން އާއި ހައިބްރިޑް ހޯމް ފައިނޭންސިންގެ އިތުރުން އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފްކުރި ބޭންކުގެ އިތުރުން ބީއެމްއަލްއަކީ އިސްލާމިކް ކްރެޑިޓްކާޑު ދޫކުރާ ހަމައެކަނި ބޭންކުކަން ވަނީ ފާހަގަކޮށްފައެވެ.
މިއަހަރަކީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް 10 އަހަރު ފުރުނު އަހަރެވެ. ބީއެމްއެލް އިސްލާމިކުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ބޭންކުގެ 10 ކަސްޓަމަރަކަށް ހައްޖު ދަތުރު ލިބޭ ހާއްސަ ޕްރޮމޯޝަނެއްވެސް ބޭންކުން ވަނީ ފަށާފައެވެ. ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ޚިދުމަތް ބޭނުން ކުރަން ފަށާ ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި، މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.