English Edition
Dhivehi Edition

މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަބަބުން ސްޓެލްކޯއަށް އެނގޭ ކަމަށާއި، މައްސަލަ ހައްލުކުރާނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު 9:30 ހާއިރު މާލެއާއި ހުޅުމާލެއިން އެއްކޮށް ކަރަންޓް ކެނޑުނެވެ. އަދި ކަރަންޓު ކެނޑުނުތާ ދެ ގަޑިއިރާއި 40 މިނެޓް ފަހުން، 12:13ގައި އަލުން ވަނީ ކަރަންޓު ދީފައެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޓެކްނިކަލް ތަފުސީލުތައް މިވަގުތު ދެންނެވެން ނެތް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މި އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހު ވެސް މުޅި މާލޭއާއި ހުޅުމާލެއިން ކަރަންޓު ކެނޑި، ދުވާލުގެ ބޮޑު ބައެއް އެ ޚިދުމަތް ނުލިބި ހޭދަކުރަން ޖެހުނެވެ.

އެފަދަ މައްސަލަތައް އިތުރަށް ތަކުރާރުވުމާ ގުޅޭ ގޮތުން ސްޓެލްކޯއިން ވިދާޅުވީ މިފަދަ ހާލަތްތައް ދިމާނުވާނެކަން ކަށަވަރު ކުރުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.