ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަށް، ޖެންޑާ މިނިސްޓްރީން މިފްކޯއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާއަށް އައްޔަނުކޮށް މަސައްކަތް ހަވާލުކުރެވޭއިރު، މަސައްކަތްކުރަން ކަނޑައަޅާ ތަނަކީ އެ ފަރާތްތައް މަސައްކަތްކުރުން އެކަށީގެންވާ ތަންތަންކަން ޔަގީން ކުރެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެހެން މީހުންނަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ފުދުންތެރިކަން އިތުރުކުރެވި، އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އުފާވެރި، ފުދުންތެރި މުޖުތަމައުއެއް ބިނާކުރުމަށް ގުޅިގެން ކުރެވޭ މިފަދަ މަސައްކަތުގެ ތެރެއިން އެ ފަރާތްތަކުގެ ފުދުންތެރިކަން އިތުރުކުރެވިގެން ދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިތުރަށް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން އަމިއްލަ މަސައްކަތުން ދިރިއުޅުން އާރާސްތުކުރުމުގެ މަގު ފަހިކޮށްދެވޭނެ ކަމަށް ވެއެވެ.