English Edition
Dhivehi Edition
ޝުޖާއު

ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ބައެއް މުއާމަލާތްތަކަކާ ގުޅޭ ގޮތުން މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ޝުޖާއު ވަކިކޮށްފިއެވެ.

މާލިއްޔަތު ކޮމެޓީގައި އިންނެވި ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސާފައިވާކަމަށް މިއަދު ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަނީ އިއްވާފައެވެ. އަދި ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި އިންނެވި ޕީއެންސީގެ މެންބަރު އިބްރާހިމް ދީދީގެ ބަދަލުގައި އެ ކޮމެޓީއަށް ޝުޖާއު ހަމަޖައްސަވާފައިވާ ކަމަށް މަޖިލީހުންގެ ރިޔާސަތުން ވަނީ ބުނެފައެވެ.

ޝުޖާއު ކޮމިޓީން ވަކިކޮށްފައިވަނީ، ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) މެދުވެރިކޮށް އޭނާއަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ގޮތުގެ ތަފުސީލުތައް ހިމެނޭ އެފްއައިޔޫގެ ރިޕޯޓު ލީކުވެފައިވަނިކޮށެވެ.