English Edition
Dhivehi Edition
ޑިސެމްބަރު 2017 ގައި ހައްޖު ކޯޕަރޭޝަންގެ ދަށުން އުމްރާ އަށް ދިޔަ އުމްރާވެރިން މައްކާގައި - ފޮޓޯ: ހައްޖު ކޯޕަރޭޝަން

އަސްކޮއި ގުރޫޕުން ފައިސާ ނެގުމަށްފަހު އުމްރާގެ އަޅުކަމަށް ނުގެންދެވޭނެ ކަމަށް އެންގި މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން އެ ކުންފުންޏަށް ފިޔަވަޅު އަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަސްކޮއިގެ ފަރާތުން އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ޕާސްޕޯޓުތައް އަތުލުމާއެކު މި މަހުގެ 24 ވަނަ ދުވަހު އުމްރާއަށް ފުރުމަށް ހަމަޖެހިފައިވާކަން އަންގާފައިވާކަމަށެވެ. ނަމަވެސް އެއަށްފަހު މިވަގުތު ސައުދި އަރަބިއްޔާއަށް ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ބުނެފައިވާކަމަށް އެ ގުރޫޕުން ވަނީ ބުނެފައެވެ. އަދި ގަލްފުގެ ނުރައްކާތެރިކަން ރަނގަޅުވުމުން ދަތުރުކުރަން ކުންފުނިން ބޭނުންވާކަމަށާއި، އެހެންކަމުން އުމްރާ ދަތުރު ފަސްކޮށްފައިވާކަން އެ ކުންފުނިން މީހުންނަށް އަންގާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ފައިސާ ދައްކާފައިވާ މީހުން، އެ މީހުންގެ ޕާސްޕޯޓާއި މުހިންމު ލިޔެކިޔުންތައް ހޯދުމަށް އަސްކޮއި ކުންފުނީގެ އިސްވެރިޔާއަށް ގުޅަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބިފައިވާކަން ފާހަގަކޮށްފައެވެ. އަސްކޮއި ޓްރެވެލް ސާވިސް އަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުމާއެކު އެ ކުންފުނި ޖޫރިމަނާ ކުރަން ނިންމާ މިނިސްޓްރީން ވަނީ އަސްކޮއި ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށްވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް ނިންމާފައެވެ.