ސްރީލަންކާއިން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދިނުމަށް ނިންމާފައިވާކަމަށް ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތް ހެރަތު ވިދާޅުވެއްޖެއެވެ.
ބޭރުގެ ނޫހެއް ކަމުގައިވާ އެކޮނޮމީ ނެކްސްޓުގައި ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތް ހެރަތު އާއި ހަވާލާދީ ބުނެފައިވަނީ މިހާތަނަށް ދިވެހިންނަށް ދޫކުރަމުން އައިސްފައިވަނީ ކުރު މުއްދަތުގެ ވިސާ ކަމަށާއި، ނަމަވެސް އަންނަ މަހުން ފެށިގެން ދިގު މުއްދަތަށް ވިސާ ދޫކުރަން ފަށާނެ ކަމަށެވެ. ދިގު މުއްދަތައް ދޫކުރާ ވިސާގައި އެއް އަހަރު ވަންދެން ދިވެހިންނަށް އެ ގައުމުގައި ދިރިއުޅެވޭނެ ކަމަށް އެކޮނޮމީ ނެކްސްޓުގައި ބުނެފައިވެއެވެ.
ލަންކާގައި މިހާރު ވިސާގެ ކަންކަން އޮންނަ ގޮތުން އެ ގައުމަށް ދިއުމާއެކު 30 ދުވަހުގެ އޮންއެރައިވަލް ވިސާ ދިވެހީންނަށް ލިބެއެވެ. މުއްދަތު އިތުރުކުރަން ބޭނުންވާނަމަ އޮންލައިން ކޮށް އެކަމަށް އެދުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން މި ނިންމުމާއި ގުޅިގެން ލަންކާއަށް ބޭސްފަރުވާއަށާއި އަދި އެހެނިހެން ބޭނުންތަކަށް ދާ ދިވެހިންނަށްވެސް ލުއި ފަސޭހަތަކެއް ލިބިގެން ދާނެއެވެ.