English Edition
Dhivehi Edition
ހުޅުމާލޭގައި ޕާކްކުރުން މަނާ ތަނެއްގައި ހުރި ސައިކަލެއް ފުލުހުން ޓޯކުރަނީ.-- ފޮޓޯ: ހުޅުމާލެ ޕޮލިސް

ހުޅުމާލޭގައި ނުގަވައިދުން ޕާކުކުރާ ވެހިކަލްތައް ޓޯކުރަން ފަށައިފިއެވެ.

ހުޅުމާލެ ފުލުހުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ޓްރެފިކްގެ ގަވާއިދާ ހިލާފަށް ހުޅުމާލޭގެ އެކި ތަންތަނުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލެ ޕޮލިހުން ވަނީ ވެހިކަލް ދުއްވާ މީހުން، ގަވައިދާ އެއްގޮތަށް ޕާކުކުރަން ނަސޭހަތްތެރިވެފައެވެ. އަދި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ޚާއްސަކޮށް، ކަފިހި ހުރަސްތައް މަތީގައާއި ޑަބަލް ލައިން މަތީގައި ޕާކުކޮށްފައި ހުންނަ ނަމަ ޓޯކުރާނެ ކަމަށް ޕޮލިހުން ބުންޏެވެ.

ފުލުހުން ބުނީ ނުގަވައިދުން ޕާކުކުރުން ފަދަ ކަންކަމަކީ އެހެން މީހުންނަށް އުނދަގޫ ކުރިމަތިވެ، ނުރައްކަލަކަށް ހުށަހެޅެން މެދުވެރިވާ ސަބަބެއް ކަމަށާއި މިއީ މަގުތަކަކީ އެންމެނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ކުރާ ކަމެއް ކަމަށެވެ.

ހުޅުމާލެ ފޭސް އެކަކާއި، ދޭއްގައި ވެސް ނުގަވައިދުން ޕާކުކުރުމަކީ އާންމު ކަމެކެވެ.

ހުޅުމާލޭގެ އިތުރުން މާލޭގައި ވެސް ވެހިކަލް ޕާކްކުރުން މަނާ މަގުތަކުގައި ޕާކްކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 420 ވެހިކަލް މިދިޔަ މަހު ވެސް ޓޯކުރި އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށެވެ. ޓޯކުރާ ވެހިކަލްތައް ފުލުހުން ދޫކުރަނީ 750ރ. ގެ ޖޫރިމަނާއާ އެކު، ކުރިން ކޮށްފައި ހުރި ވެހިކަލްގެ އެހެން ޖޫރިމަނާތަކާއި ނުދައްކާ ހުރި އަހަރީ ފީތައް ވެސް ދައްކައި ހަލާސްކުރުމުންނެވެ.

ޓެގު