ދައުލަތުގެ ބަޖެޓާ އަޅާ ބަލާއިރު، ސަރުކާރުން އާންމުކުރި ސިޔާސީ މަގާމުތަކުގެ އަދަދު ދިމާނުވާކަމަށް އެމްޑީޕީން ބުނެފިއެވެ.
ރައީސް އޮފީހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި ވަގުތު 922 މީހުން ސިޔާސީ މަގާމުތަކުގައި އެބަ ތިއްބެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ‘އެކްސް’ގައި ލިޔުއްވި ޕޯސްޓެއްގައިވާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މި ސަރުކާރުން 2،280 ސިޔާސީ މުވައްޒަފުން އައްޔަނުކޮށްފައިވެއެވެ. އޭގެ ފަހުން 248 ސިޔާސީ މުވައްޒަފުން ވަކިކުރި ނަމަ 2،032 މީހުން ތިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
“އޭގެ ފަހުން ވެސް އެތައް މުވައްޒަފުންނެއް ނަގައިފި. ސަރުކާރުން މިހާރު މި ބުނާގޮތަށް ބަލާނަމަ، ރައީސް އޮފީހާއި މުލިއާގެއާއި އަދި ހިލާލީގެ އެއްކޮށް 1،100 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭނެކަމަށް ލަފާކުރެވޭ. 2023 ނިމުނުއިރު މި އަދަދު ހުރީ 409 ގައި،” އަމީރު ވިދާޅުވިއެވެ.