English Edition
Dhivehi Edition

ލިޔުންތެރިންގެ ގަލަމަކީ ހަތިޔާރެއްކަމަށާއި، އެ ހަތިޔާރުގެ ބޭނުން ހިފަންވާނީ މުޅި ޤައުމުގެ ހެވާއި، ލާބައަށް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެނޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ލިޔުންތެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓްގައި، މިނިސްޓަރ ވަނީ ދިވެހި ލިޔުންތެރިން ޤައުމަށް ޓަކައި ބޮޑެތި ޤުރުބާނީތަކެއް ވެފައިވާކަމުގެ ޒިކުރާ އައުކޮށް، މިއަދުވެސް ލިޔުންތެރިން ކުރައްވަމުންގެންދަވައި ޚިދުމަތުގެ އަގު ވަޒަން ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ލިޔުންތެރިކަމަކީ ޤައުމުގެ އިޖުތިމާޢީ ފޭރާން ހެޔޮވަރުކޮށްދޭ، ޤައުމީ ތަރިކައެއް ކަމަށެވެ. އަދި ލިޔުންތެރިންގެ އޮއްޓަރު ހަރުވާނީ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިވެގެން ކަމަވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވަނީ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާއާއި، ހެޔޮއެދުންތައް އެންމެހައި ދިވެހި ލިޔުންތެރިންނަށް ފޮނުއްވަވާފައެވެ.

ލިޔުންތެރިން ދުވަހަކީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ރާއްޖޭގައި ނޫސް މަޖައްލާއެއް އުފައްދާ “އަލްއިޞްލާޙު”ގެ ނަމުގައި އެންމެ ފުރަތަމަ ޢަދަދު ނެރުނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ކަމަށް ވާތީއެވެ.