English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގައި ކަފިހި ހުރަސް މަތިން މަގު ހުރަސްކުރަނިކޮށް، އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެ ހާދިސާގައި ސައިކަލު ދުއްވަން އިނީ 59 އަހަރުގެ ފިރިހެނެކެވެ. އަދި ހިނގާފައި ދިޔައީ 74 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން މީޑިއާއަށް ދެއްވި މައުލޫމާތުގައި ވިދާޅުވީ ހިތަދޫގައި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބުނީ 19:24ހާއިރު ކަމަށާއި މި އެކްސިޑެންޓުގައި އުމުރުން 74 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯއިން ފެންނަަނީ އުމުރުން ދުވަސްވީ މީހަކު ކަފިހި ހުރަސް މަތިން ދަނިކޮށް ބާރަށް ދިޔަ ސައިކަލެއް ގޮސް އެ މީހާގެ ގައިގައި ޖެހޭ މަންޒަރެވެ. އެ މީހާ މަގުމައްޗަށް ވެއްޓުނުއިރު، ސައިކަލުގައި އިން މީހާ ވެސް މަގުމައްޗަށް ވެއްޓިފައި އޮންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ފުލުހުން ވިދާޅުވީ ސައިކަލު ދުއްވަން އިން މީހާއާއި ހިނގާފައި ދިޔަ މީހާއަށް ފަރުވާ ދިނުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.