40،000 އަށްވުރެ ގިނަ ދިވެހީން އިންވެސްޓްކޮށްފައިވާ ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމުން ރެއިން ފެށިގެން ފައިސާ ނުނެގޭ ގޮތަށް ހަދައިފިއެވެ.
ގިނަ ބަޔަކު ފައިސާ ޖަމާކުރަމުން ދަނިކޮށް، އެ އިން ފައިސާ ނުނެގޭ މައްސަލަ ކުއްލި ގޮތަކަށް ބޮޑުވެ، އެ ސްކީމުގައި ބައިވެރިވި މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރުހީވުމާއެކު ގިނަ ބަޔަކު ވަނީ އެކަމާއި ނުރުހުން ފާޅުކުރަން ފަށާފައެވެ.
ރާއްޖޭގައި ޖެމްކިޔު ބޭނުން ކުރަމުންދާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ފުލުހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބުނެފައި ވަނީ އެއީ ހީލަތުން ހަދާފައިވާ ސްކީމެއް ކަމަށެވެ. އަދި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޮތީ ދީފައެވެ.
އެއީ ޕިރަމިޑް ސްކީމެއްކަމަށް ފުލުހުން ހާމަކުރީ މި ހަފްތާގައި އާންމުކުރި ބަޔާނެއްގަ އެވެ.
ފައިސާ ނުނެގޭ މައްސަލައާއި ގުޅިގެން އެ ގްރޫޕުގައި ބައެއް މީހުން އަންނަނީ ޖެމްކިޔުއަށް އިތުބާރުކޮށް، މަޑުން ތިބެން ގޮވާލަމުންނެވެ. އަދު މާ ގިނައިރުނުވެ، އެ މައްސަލަ ހައްލުކުރެވޭނެ ކަމަށް ވެސް ބައެއް މީހުން އަންނަނީ ގްރޫޕުގައި ބުނަމުންނެވެ.
ރާއްޖޭގައި އެ ސްކީމްގައި ބައިވެރިވެފައިވާ މީހުންގެ މެދުގައި ގެންގުޅެނީ ޓެލެގްރާމު ގްރޫޕެކެވެ. އެ ގްރޫޕުގައި ވެސް 41،000 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ ބޭނުންކުރާ މީހުންގެ އަދަދު 50،000 އިން މައްޗަށް އަރާނެ ކަމަށް އޭގައި އުޅޭ ދިވެހިން ބުނެއެވެ.
ޖީއެމްސީއީ ސްކީމް ރާއްޖެއަށް ތައާރަފުވެ، ހިންގަން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެ ސްކީމަށް މީހުން ފައިސާ ލުމުން, ފައިދާގެ ނަމުގައި ފައިސާ ދެމުންދާ ކަމަށް ވެއެވެ. އެނގިފައިވާ ގޮތުގައި އެއީ ބޭރުގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި ބަޔަކު އިސްވެ ހިންގާ ސްކީމެކެވެ. މި ސްކީމްގެ ރަސްމީ ދިވެހި ޓެލެގްރާމް ގްރޫޕުގައި ވެސް އެހާ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކުގެ އެކި ފެންވަރުގެ މީހުން ހިމެނެއެވެ. ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އެ ސްކީމަށް ފައިސާ އަޅާކަން ވަނީ އެނގިފައެވެ.
ޖެމްކިޔު އިން ފައިސާ ނުނެގޭ މައްސަަލަ ބޮޑުވިއިރު އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ރާއްޖޭގައި ޖެމްކިޔު ޕްރޮމޯޓުކުރުމުގައި އުޅޭ ހަތް ވަރަކަށް މީހުންގެ މައުލޫމާތު ހޯދައިފައެވެ. އެކަމަކު ތަހުގީގުކުރާތީ އޭގެ ތަފްސީލު އަދި ނުލިބެ އެވެ.
“ލަސްނުކޮށް އަވަހަށް ފައިދާ ހޯދާ” ގެ ނަމުގައި މި ގްރޫޕުން ދަނީ މި އަށް އިންވެސްޓް ކުރުމަށް ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށް އޭގެ ތެރެއަށް އިތުރު މީހުން ވައްދަން ބާރު އަޅަމުންނެވެ.
ޖެމްކިޔު އިޝްތިހާރު ކުރަން ފެށުމުން އެ މައްސަލަ ފުލުހުން ބަލަމުން އަންނަތާ މިހާރު މަސްތަކެއް ވެއްޖެ އެވެ.