English Edition
Dhivehi Edition

ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލްގެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައިނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމުގެ މަސައްކަތް އެޗްޕީއިން ކުރިއަށްގެންގޮސްފައިވާކަން އެއެޖެންސީން ހާމަކުރެއްވީ މިމަހުގެ 7 ވަނަ ދުވަހުގައެވެ.

އެ ބަލި ޖެހުނު މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެ އޭޖެންސީން ހާމަނުކުރި ނަމަވެސް ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޗްޕީއޭއިން ވަނީ އަޅާފައެވެ. މި ފިޔަވަޅުތައް އެޅުމަށްފަހު އެޗްޕީއޭއިން ވިދާޅުވީ، އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިފަ ނުވާކަމަށެވެ. އަދި ބަލީގެ އެއްވެސް ކޭސް އެއް ރިޕޯޓްކޮށްފައި ނުވާކަމަށް ވެސް އެޗް.ޕީ.އޭއިން ވިދާޅުވިިއެވެ.

އިންވޭސިވް މެނިންގޯކޮކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސީރިއަސް ބައްޔެކެވެ. ރާއްޖޭގައި މިބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާންމު ގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، އަދި ބޮލުގައި ރިއްސުން ހިމެނެއެވެ.

މި ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށިގެންވާކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އަދި ބަލި ޖެހިފައިވާ މީހާއާއެކު ގިނަވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.