ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖޭން ދިޔަ ޙައްޖާޖީންނަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން އަދާކުރި ފުރިހަމަ މެހެމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސްވަނީ ސައުދީ ސަރުކާރުގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލްރާބިއާއާ ބައްދަލު ކުރައްވައިފައެވެ.
މިނާގައި ހުންނަ ޙައްޖު މިނިސްޓްރީގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށްޓަކައި އަދި އެންމެހައި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި ވަލީޢަހްދަށް، ނިހާޔަތަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާއެކު ޙައްޖާޖީންގެ ދަތުރުފަތުރަށް ލިބުނު ލުއިފަސޭހަކަން ފާހަގަކުރައްވައި، ދިވެހި ޙައްޖާޖީންނަށް ދެއްވި ޚާއްޞަ މެހުމާންދާރީއަށާއި އެ ޤައުމުގައި ތިބުމަށް އެކޮމޮޑޭޝަން ހަމަޖެއްސުމުގައި، އިންތިޒާމުތަކުގެ ފުރިހަމަކަމަށް ތަޢުރީފު ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން މި ވަގުތު ތިއްބެވީ ސަޢޫދީ ޢަރަބިއްޔާގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި މަތީފަންތީގެ ވަފުދު، އެ ޤައުމުގައި ތިއްބަވަނީ، ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހުމާނުންގެ ގޮތުގައެވެ.
ރައީސް ހައްޖުގެ އިންތިޒާމުތަކަށް ޝުކުރު ތައުރީފުކުރައްވާފައި ވާއިރު، ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީން ވަނީ މަޝާއިރުގެ ކަންކަން ނިންމައި، އެނބުރި މައްކާއަށް ދިއުމަށް ދަތުރު ފަށައިފައެވެ.
ޙައްޖުގެ އަޅުކަމަށް މި އަހަރުގެ ވެސް ރާއްޖެއިން ފުރީ 1000 މީހުންނެވެ. ދިވެހި ހައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހުއެވެ.