English Edition
Dhivehi Edition
އައިއެލްއޯގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ވަފުދުގެ ބޭފުޅުން.- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ވެސް ވޯޓާއެކު ފަލަސްތީނަށް އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވަރުކަން މިއަދު ލިބިއްޖެއެވެ.

ފަލަސްތީނަށް މި ދަރަޖަ ދިނީ އެ އެޖެންސީގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުންނެވެ. އެ ވޯޓުގައި 386 މެމްބަރަކު ވަނީ ފަލަސްތީނަށް އެ ދަރަޖަ ދިނުމަށް ތާއީދުކޮށް ވޯޓު ދީފަ އެވެ. އަދި 15 މެމްބަރަކު އެކަމާ ދެކޮޅަށް ވޯޓުދިންއިރު، 42 މެމްބަރަކު ވޯޓުގައި ބައިވެރި ނުވެއެވެ.

އައިއެލްއޯއަކީ މަސައްކަތްތެރިންނަށް، އިޖްތިމާއީ، އިގްތިޞާދީ ހަމަހަމަކަމާއި، އިންސާފު ގާއިމްކުރުމަށް ބާރުއަޅަން ގޮވައިލައި، މަސައްކަތްތެރިންނާ ގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކާއި، އުސޫލުތައް އެކުލަވައިލާ އދ.ގެ އެޖެންސީއެކެވެ. މިއީ 1919ވަނަ އަހަރުގެ އޮކްޓޯބަރުގައި ވުޖޫދުވި، އދ. ގެ އެންމެ ގިނަ ދުވަސްވީ އެއް އެޖެންސީއެވެ.

ޖެނީވާގައި، މި މަހުގެ ދެވަނަ ދުވަހުން ފެށިގެން މިހާރު އަންނަނީ އައިއެލްއޯގެ ބައިނަލްއަގްވާމީ ލޭބާ ކޮންފަރެންސްގެ 113ވަނަ ސެޝަން ކުރިއަށް ދަމުންނެވެ. މި ސެޝަން މި މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ރާއްޖޭގެ ފަރާތުން އެ ވަފުދުގައި އިސްކޮށް ހުންނެވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ.

ދިވެހި ސަރުކާރުން ވިދާޅުވީ މި ނިންމުން ފާސްވުމުގައި ރާއްޖެއިން ފަލަސްތީނާއެކު ތިބިތިބުމާމެދު ދިވެހި ސަރުކާރުގެ ވަފުދު ފަޚުރުވެރިވާ ކަމަށެވެ.

މި ކޮންފަރެންސްގެ ތެރެއިން މިނިސްޓަރު ހައިދަރުވަނީ ފަލަސްތީނުގެ ވަފުދާ ބައްދަލުކުރައްވައި، ރާއްޖެއިން އެ ގައުމަށް ދެމުން އަންނަ އެއްބާރުލުން އަބަދުވެސް ހަމަ އެގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީން ދެއްވަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.